ކުވޭތުގައި މަސައްކަތް ކުރި ފިލިޕީންސްގެ މެއިޑް މަރާލުމަށް ފަހު އޮތީ ފްރީޒަރަކަށް ލާފައި. --ފޮޓޯ:ރޮއިޓާސް
02 އެޕްރީލް 2018 - 10:38
ކުވޭތު ސިޓީ (އެޕްރީލް 2) - ކުވޭތުގައި މަރާލުމަށް ފަހު ފްރީޒަރަކަށްލާފައި އޮއްވާ ފެނުނު ފިލިޕީންސްގެ މެއިޑުގެ ގާތިލުން ކަމަށްވާ ދެމަފިރިއަކަށް ކުވޭތުގެ ކޯޓަކުން މަރުގެ ހުކުމް އިއްޔެ އިއްވައިފި އެވެ.
މެއިޑުގެ ސާހިބު މީހާ ކަމަށްވާ ލުބުނާންގެ ފިރިހެނަކާއި އޭނާގެ ސީރިއާގެ އަންހެނުންގެ މައްޗަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ.
ޖޮއާނާ ޑެމަފެލިސް، 29، ގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ރިޕޯޓްކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ޑެމަފެލިސްގެ ހަށިގަނޑު މިދިޔަ ފެބްރުއަރީ މަހު ފެނުނު އިރު އޮތީ އޭނާ އުޅުނު އެޕާޓްމަންޓުގެ ފްރީޒަރުގެ ތެރޭގަ އެވެ. ހަށިގަނޑު ފެނުނު އިރު އެ އެޕާޓްމަންޓް ފަޅަށް ހުންނަތާ ވެސް އަހަރެއްހާ ދުވަސްވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
މި މައްސަލާގައި ކުވޭތާއި ފިލިޕީންސްގެ މެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ވެސް އުފެދުނެވެ.
އިންޓަޕޯލް މެދުވެރިކޮށް ޑެމަފެލިސްގެ ގާތިލުން ސީރިއާ އިން ފެބްރުއަރީ މަހު ހައްޔަރު ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑެމަފެލިސްގެ މަރުގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރީ ކުވޭތުގައި އޭނާ ގެންގުޅުނު ނާދިރު އީސާމް އައްސާފް ކިޔާ މީހެކެވެ. އެއަށް ފަހު ލުބުނާން މީހާ ވަނީ ބޭރޫތާ ހަވާލުކޮށްފަ އެވެ. އޭނާ އަކީ ލުބުނާން މީހެކެވެ. އޭނާގެ އަންހެނުން މޯނާ އަކީ ސީރިއާ މީހެކެވެ.
ޑެމަފެލިސްގެ މަރާ ގުޅިގެން ފިލިޕީންސްގައި ވަރަށް ބޮޑަށް އިހްތިޖާޖްކޮށް ކުވޭތަށް މެއިޑުން ފޮނުވުން ވަނީ މަނާކޮށްފަ އެވެ. އަދި ކުވޭތުގައި ހާލުގައި ޖެހިފައި ތިބި ފިލިޕީންސްގެ ހާހެއްހާ މެއިޑުން އަނބުރާ ގެނައުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އެހީތެރިވެދީފަ އެވެ. ފިލިޕީންސްގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން އަންދާޒާ ކުރާ ގޮތުގައި އެ ގައުމުގެ 252،000 މީހުން ކުވޭތުގައި މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
02 April 2018
މަރަށް މަރު... އެނޫން ގޮތެއް ނެތް. އެއީ ދިރުމެއް