ފިލިޕީންސްގެ ކުރީގެ ރައީސާ އަރޯޔޯ: ސްޕްރީމް ކޯޓުން އޭނާ މިނިވަން ކުރީ އެކަށީގެންވާ ހެކި ލިބެން ނެތުމުން ކަމަށް ބުނެ. --ފޮޓޯ:ރޮއިޓާސް
20 ޖުލައި 2016 - 11:57
މެނީލާ (ޖުލައި 20) - ފިލިޕީންސްގެ ކުރީގެ ރައީސާ ގްލޯރިއާ މަކަޕަގާލް އަރޯޔޯގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމުގެ މައްސަލައިގައި އެ ކަމާނާގެ ކުށެއް ނެތް ކަމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
ސަރުކާރުގެ ލޮޓަރީ ޗެރިޓީ ފަންޑަކުން 366 މިލިއަން ޕެސޯ (7.8 މިލިއަން ޑޮލަރު) އަމިއްލަ ބޭނުމަށް ބޭނުންކުރައްވާފައިވާ މައްސަލައިގައި އަރޯޔޯ ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އެންގީ އެކަށީގެންވާ ހެކި ނެތުމުން ކަމަށެވެ. ބަލި ހާލު ހުރި ގޮތުން އަރޯޔޯ ހޮސްޕިޓަލުގައި އޮންނަވަނީ ވެސް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުންގެ ބަންދުގައި ހުންނަވައިގެން ވެސް އަރޯޔޯ ވަނީ މެއި މަހު ކޮންގްރެސް އަލުން އިންތިޚާބުވެވަޑައިގެންފަ އެވެ.
ސްޕްރީމް ކޯޓުގެ ތަރުޖަމާން ޓިއޯޑޯ ޓެ ވަނީ އަރޯޔޯ ވަގުތުން ދޫކޮށްލުމަށް އަންގަވާފައި. --ފޮޓޯ:ރޮއިޓާސް
ފިލިޕީންސްގައި ނުވަ އަހަރު ވެރިކަން ކުރެއްވި އަރޯޔޯ، 69، ހައްޔަރުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު ހައްޔަރުކުރީ އިންތިޚާބުގައި މަކަރު ހެއްދެވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ކަފާލާތުގެ ދަށުން އެކަމަނާ މިނިވަންކޮށްފައި ވަނިކޮށް، ކޮރަޕްޝަނުގެ ތުހުމަތުގައި އަނެއްކާ ވެސް ހައްޔަރުކުރި އެވެ. މައިބަދަ އާއި ކަރުގެ މައްސަލައަކާ ގުޅިގެން އެކަމަނާ އޭރުންސުރެ އޮންނަވަނީ ހޮސްޕިޓަލުގަ އެވެ.
ފިލިޕީންސްގެ އާ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެފައި ވަނީ އަރޯޔޯގެ މައްޗަށް އުފުލާފައިވާ މައްސަލަ ވަރަށް ބަލިކަށި ކަމަށާއި އެހެންވެ އެކަމަނާ އަށް މައާފް ދެއްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އަރޯޔޯ ވަނީ ރައީސްގެ މައާފް ގަބޫލް ނުކުރައްވާ އެކަމަނާގެ ކުށެއް ނެތް ކަމަށް އަމިއްލަ އަަށް ސާބިތު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޑުޓާޓެގެ ކެބިނެޓަށް ވަނީ އަރޯޔޯގެ ވަރަށް އިސް ބޭފުޅުން ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy