މެލޭޝިއާގެ ބޭންކުން ވަގަށް ނެގި ފައިސާ އިން ގަތް ތަކެތި ހިފަހައްޓަން އެމެރިކާ އިން އަމުރު ނެރެފި

ވޮޝިންޓަން (ޖުލައި 21) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު އުފެއްދި އިންވެސްޓްމަންޓް ބޭންކުން ވަގަށް ނަގާފައިވާ ފައިސާ އިން ގަނެފައިވާ ތަންތަނާއި ތަކެތި ހިފަހައްޓަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަމުރު ނެރެފި އެވެ.


1އެމްޑީބީ (1މެލޭޝިއަން ޑިވެލޮޕްމަންޓް ބަރުހާދު) އިން ގެއްލިފައިވާ ފައިސާތަކުގެ މައްސަލާގައި ބޮޑު ވަޒީރު ނަޖީބު ރައްޒާގެ މައްޗަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. މި ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 681 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް މި މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ އަރަބިއާގެ ޝާހީ އާއިލާ އިން ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓާއި އެފްބީއައި އިން ތުހުމަތު ކުރަނީ މެލޭޝިއާ ބޭންކުން ވަގަށް ނެގި ފައިސާ އިން ގަނެފައިވާ ތަކެތީގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ކޯޓުގެ ލިޔުންތަކުން ހާމަވާ ގޮތުގައި ބޭންކުން ވަގަށް ނެގި ފައިސާ އިން އެންމެ ބޮޑު ފައިދާއެއް ކޮށްފައި ވަނީ ނަޖީބުގެ ދޮންދަރިއެއް ކަމަށްވާ ރިޒާ އަޒީޒަށެވެ. ބޭންކުން 2009- 2015 އާ ދެމެދު ވަގަށް ނެގުމަށް ފަހު އޭނާ އާއި އާއިލާގެ އެހެން މީހުން އަދި ރައްޓެހިންނަށް ބެހި ފައިސާގެ އަދަދު 3.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ވާހަކަ ދައްކަވަނީ: މެލޭޝިއާގެ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލާގައި މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބުގެ ނަން އެޓާނީ ޖެނެރަލް ވިދާޅުވެފައެއް ނުވޭ. --ފޮޓޯ:ރޮއިޓާސް

މެލޭޝިއާ ބޭންކުން ވަގަށް ނަގައިގެން ގަނެފައިވާ ތަންތަނުގެ ތެރޭގައި ބެވަލީ ހިލްސް އިން އަގު ބޮޑު ހޮޓާތަކާއި ކެލިފޯނިއާ އިން ހަތަރު ބިން އަދި ނިއު ޔޯކުން ހަތަރު ބިން ގަތުން ހިމެނެ އެވެ. އަދި ލަންޑަނުން ބިމެއް ގަތުމާއި 35 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއް ވެސް ވަނީ ވަގު ފައިސާ އިން ގަނެފަ އެވެ. އަދި ވަނީ އަގު ބޮޑު އާޓްވޯކްތައް ވެސް ގެނެފަ އެވެ. ބޭންކުން ވަގަށް ނެގި ފައިސާ އިން ރިޒާ އަޒީޒް ވަނީ 2013 ވަނަ އަހަރުގެ މާޓިން ސްކޯސެސީގެ ފިލްމު "ދި ވުލްފް އޮފް ވޯލް ސްޓްރީޓް" އަށް 100 މިލިއަން ޑޮލަރު ޚަރަދުކޮށްފައި ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

"ކޮރަޕްޝަނާއި ވަގު ފައިސާ އެމެރިކާގެ މާލީ ނިޒާމުގެ ތެރޭގައި ބޭނުން ކުރުމުގެ ފުރުސަތު ޖަސްޓިސް ޑިޕާޓްމަންޓަކުން ނުދޭނަން،" އެމެރިކާގެ އެޓާނީ ޖެނެރަލް ލޮރެޓާ ލިންޗް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މެލޭޝިއާ ބޭންކުން ވަގަށް ނެގި ކަޅު ފައިސާ އެމެރިކާގައި ދޮވުމަށް އެހީވެދީފައި ވަނީ ނަޖީބު އާއިލާގެ ގާތް ރަހުމަތްތެރިޔާ އަދި ވިޔަފާރިވެރިއެއް ކަމަށްވާ ޓައެކް ޖޯ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭނާ ވަނީ 2009-2010 އާ ދެމެދު، އަށް މަސް ތެރޭ ލެސް ވެގަސްގެ ކެސިނޯތަކަށް 85 މިލިއަން ޑޮލަރު ޓްރާންސްފާކޮށްފަ އެވެ.

މެލޭޝިއާގެ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން އެފްބީއައިގެ ޑިޕިއުޓީ ޑިރެކްޓަރު އެންޑްރޫ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އެފްބީއައި

އެފްބީއައިގެ އިންޓަނޭޝަނަލް ކޮރަޕްޝަން ޔުނިޓުގެ ސްޕެޝަލް އެޖެންޓް ޑެރީލް ވެންގާ ވިދާޅުވީ މެލޭޝިއާގެ ބޭންކުގެ ވަގު ފައިސާ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައުރުކޮށްފައިވާ ކަމަށެވެ. އަދި އެ ބޭންކުގެ ވަގު ފައިސާގެ ތެރޭން އެމެރިކާގައި ބޭނުންކޮށްފައިވާ އަދަދު ކަމަށް މިހާތަނަށް ހޯދިފައި ވަނީ އެއް ބިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.

"ކޮރަޕްޓް ވަކިވަކި ފަރުދުން ވަނީ އެމެރިކާގެ މާލީ ނިޒާމު ބޭނުންކޮށްގެން އެ މީހުންގެ މަކަރުވެރިކަން ފޮރުވުމަށް މަސައްކަތްކޮށްފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެންގާ ވިދާޅުވި އެވެ. "މިއީ ކޮރަޕްޓް އެހެން އޮފިޝަލުންނަށް ވެސް ދެވޭ މެސެޖެއް. މި ބާވަތުގެ ކުށްކުރާ މީހުންނަށް އެމެރިކާއަކީ ރައްކާތެރި ތަނެއް ނޫން ކަމުގެ ޔަގީންކަން ދެން."

މިއީ ވޮޝިންޓަނުގައި ކްލެޕްޓޮކްރެސީ އެސެޓް ރިކަވަރީ އިނީޝިއޭޓް 2010 ވަނަ އަހަރު އުފެއްދި ފަހުން، ވަގަށް ނަގާފައިވާ ފައިސާގެ ތެރޭން މިހާ ބޮޑު އަދަދެއް ހޯދި ފުރަތަމަ ފަހަރެވެ. އެފްބީއައި އާއި ޖަސްޓިސް ޑިޕާޓްމަންޓުގެ ޕްރޮސެކިއުޓަރުން ހިމެނޭ މި އިނީޝިއޭޓިވް އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބަލާ ގެއްލިފައިވާ ފައިސާ ހޯދައިދިނުމަށް އެހީވެދޭ އެޖެންސީއެކެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު: ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވާ.

1އެމްޑީބީ 2009 ވަނަ އަހަރު އުފެއްދި އިރު ނަޖީބަކީ މެލޭޝިއާގެ މާލީ ވަޒީރެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ މެލޭޝިއާގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ފަންޑުކޮށް ދިނުމެވެ. އެކަމަކު ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ފަންޑުން މެލޭޝިއާގެ ރައްޔިތުންނަށް ފައިދާ ކުރުމުގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ފައިދާ ހޯދާފައި ވަނީ މަދު ބައެއް ކަމަށެވެ.

ބޮޑު ވަޒީރު ނަޖީބުގެ ތަރުޖަމާން މިއަދު ވިދާޅުވީ 1އެމްޑީބީގެ ޚިޔާނާތުގެ މައްސަލާގައި ބޮޑު ވަޒީރުގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށާއި އެކަމަކު އެމެރިކާ އިން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މެލޭޝިއާ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަތައް ދަނީ ސްވިޒަލެންޑާއި ސިންގަޕޫރު، ލަގްޒަމްބާގު އަދި ހޮންކޮން ފަދަ ގައުމުތަކުން ވެސް ބަލަމުންނެވެ.