އީރާނުން އިޒްރޭލަށް ކުރިމަތިކުރާ ބިރުތަކަށް އެމެރިކާ ކަންބޮޑުވޭ: ޕޮމްޕެއޯ

ތެލް އަވީވް (އެޕްރީލް 30) - އީރާނުގެ ފަރާތުން އިޒްރޭލަށް ކުރިމަތިކުރާ ބިރުތަކަށް އެމެރިކާ އިން ކަންބޮޑުވާ ކަމަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.


މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ޕޮމްޕެއޯ ފުރަތަމަ ވެސް އިސްކަން ދެއްވީ މެދުއިރުމައްޗަށް ވަޑައިގަތުމަށެވެ. ސައުދީ އަރަބިއާ އަށް ވަޑައިގަތުމަށް ފަހު އިޒްރޭލަށް އިއްޔެ ވަޑައިގެން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާ ޕޮމްޕެއޯ ވިދާޅުވީ އީރާނުން މަސައްކަތް ކުރަނީ މެދުއިރުމަތި ހަލަބޮލިކޮށްލަން ކަމަށެވެ. އެ ގޮތުން ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށާއި ޔަމަނުގެ ހޫތީންނަށް އެހީވަމުންދާކަން ޕޮމްޕެއޯ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"އީރާނުގެ ފަރާތުން އިޒްރޭލަށް ކުރިމަތި ކުރާ ނުރައްކާތެރި ބިރުތަކަށް އެމެރިކާ އިން އަބަދުވެސް ކަންބޮޑުވޭ. އީރާނުން ގެންދަނީ މެދުއިރުމަތީގައި އެ ގައުމުގެ ބާރު ދަމަހައްޓަން މަސައްކަތް ކުރަން. އީރާނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާ ވަނީ އިޒްރޭލާ އެކު،" ތެލް އަވީވްގައި ނަތަންޔާހޫއާ އެކު ބޭއްވި ދެ ގަޑިއިރުގެ ބައްދަލުވުމަށް ފަހު ޕޮމްޕެއޯ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުން "ރަނގަޅު ނުކޮށްފި ނަމަ" އެމެރިކާ އިން އެ އެއްބަސްވުން އުވާލާނެ ކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ. ނިއުކްލިއާ އެއްބަސްވުން އުވާލުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހު 12 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ.

ނަތަންޔާހޫ ވެސް ގެންދަވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލާ ނުވަތަ ބަދަލުތައް ގެނައުމަށް ބާރު އަޅަމުންނެވެ. އެކަމަކު އެ އެއްބަސްވުމުގައި ސޮއިކުރި ދުނިޔޭގެ ބޮޑެތި ބާރުތަކުން ގަބޫލް ކުރަނީ އީރާނާ އެކު 2015 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމުގެ ސަބަބުން އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"އީރާނުން ދަނީ ފަހަރަކު ގައުމެއް ކާލަމުން. އީރާން ހުއްޓުވަން ޖެހޭ. އީރާނުން ނިއުކްލިއާ ބޮން ހަދަން ކުރާ މަސައްކަތް ހުއްޓުވަން ޖެހޭ. އީރާނުގެ އުދުވާން ހުއްޓުވަން ޖެހޭ،" ނަތަންޔާހޫ ވިދާޅުވި އެވެ.

އީރާނުގެ ރއީސް ހަސަން ރޫހާނީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމަކީ ދެން އިތުރަށް މަޝްވަރާ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.