ނަވާޒް ޝަރީފަށް ވެރިކަމަށް ވަޑައިގެންނެވުނީ ސިފައިން އެހީވެގެން: އިމްރާން ޚާން

އިސްލާމްއާބާދު (މެއި 5) - ދެހާސް ތޭރަ ވަނަ އަހަރުގެ އިންތިޚާބުގައި ނަވާޒް ޝަރީފަށް ވެރިކަމަށް ވަޑައިގެންނެވުނީ ސިފައިން އެހީވެގެން ކަމަށް ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.


ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިދާޅުވީ އެންމެ ފަހުގެ އާއްމު އިންތިޚާބުގައި ނަވާޒް ޝަރީފަށް ޕަންޖާބުގައި އެހީތެރުވެދީފައި ވަނީ ސިފައިންގެ ބްރިގޭޑިއާ ރޭންކުގެ އޮފިސަރެއް ކަމަށެވެ. ނަމަވެސް ނަމެއް ވިދާޅެއް ނުވެ އެވެ. އިމްރާން ޚާން ވިދާޅުވީ ނަވާޒް ޝަރީފް ވެރިކަން ކުރައްވާފައި ވަނީ ސިފައިންނާއި ކޯޓުތަކުގެ ބާރުގައި ކަމަށެވެ.

"ސިފައިންނާއި ކޯޓުތައް މިހާރު ވަކިކޮޅަކަށް ނުޖެހޭތީ ނަވާޒް ޝަރީފް އެ އުޅުއްވަނީ ހަމަޖެހިވަޑައިނުގެންނެވިގެން،" އިމްރާން ޚާން ވިދާޅުވި އެވެ.

އިމްރާން ޚާން މިހާރު ގެންދަވަނީ ޕާކިސްތާނުގައި ކުރިއަށް އޮތް އާއްމު އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.

ބޮޑު ވަޒީރުކަމުގެ މަގާމުގައި ނަވާޒް ޝަރީފް ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ޖުލައި މަހު އެވެ. ހުކުމާ އެކު ނަވާޒް ޝަރީފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ނަވާޒް ޝަރީފަށް ދެން ސިޔާސީ ކަންކަމުގައި ނޫޅެވޭނެ ފަދަ އަމުރެއް ނެރެފަ އެވެ.