އަވިން ދުުއްވާ ބޯޓުގެ ފަހު މަރުހަލާގެ ދަތުރަށް ފަށައިފި

ގާހިރާ (ޖުލައި 24) - އަވިން ދުއްވާ މަތިންދާ ބޯޓު ސޯލާ އިމްޕަލްސް 2 ދުނިޔެ ވަށާ ކުރާ ދަތުރުގެ ފަހު މަރުހަލާ އަށް މިސްރުގެ ގާހިރާ އިން މިއަދު ފުރައިފި އެވެ.


ގާހިރާ އިން އަބޫ ދާބީ އަށް ދިއުމަށް 48 ގަޑިއިރު ހޭދަވާނެ އެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރުމަށް މިދިޔަ އަހަރުގެ މާޗު 9 ވަނަ ދުވަހު ސޯލާ އިމްޕަލަސް ދަތުރަށް ފުރީ އަބޫ ދާބީންނެވެ. ބޯޓުގެ ފަހު ލެގުގައި ޕައިލެޓްކަން ކުރާނީ ބާޓްރޭންޑް ޕިކާޑެވެ. ބޯޓުގެ އަނެއް ޕައިލެޓަކީ އަންދަރު ބޯޝްބާގެވެ. ބޯޓު ދަތުރު ކުރަމުންދާ އިރު މެދުއިރުމަތީގެ ގަދަހޫނުގައި ޖެހި ބޯޓަށް ކަމެއް ވެދާނެތީ ޕައިލެޓް ޕިކާޑް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ ސަހަރާތަކުގެ މަތިން ދަތުރުކުރާ އިރު ބޯޓު ދުއްވަން ބުރަފަތި ބާރަށް އަނބުރަން ޖެހުމަކީ ބޯޓުގެ ލީތިއަމް ޕޮލިމާ ބެޓަރީގެ ހަކަތައިގެ ރިޒާވްއާ މެދު އިތުރަށް ސަމާލުވާން ޖެހޭ ކަމެކެވެ.

އަވިން ދުއްވާ މަތިންދާ ބޯޓު އަބޫ ދާބީ އަށް ފުރަން ތައްޔާރުވެފައި. --ފޮޓޯ:އޭއެފްޕީ

ސްޕޭނުގެ ސެވިއްޔާ އިން ފުރައިގެން މިސްރުގެ ގާހިރާ އަށް ޖައްސަން ކައިރިވެފައި ވަނިކޮށް ވެސް ބޯޓުގެ ބެޓްރީ ލެވެލް ފުރަތަމަ ފަހަރަށް ވަނީ 30 ޕަސެންޓަށް ވުރެ ދަށްވެފަ އެވެ.

އެއްވެސް ތެލެއް ބޭނުން ނުކޮށް ސާފު ހަކަތައިން ދުއްވާ ބޯޓު މިހާތަނަށް ވަނީ 30،000 ކިލޯ މީޓަރު ކަޑައްތުކޮށްފަ އެވެ. އަވިން ދުއްވާ ބޯޓުގެ ދަތުރު ނިންމާލާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ޕެސިފިކް ހުރަސްކޮށް ފަސް ދުވަހުގެ ދިގު ދަތުރަށް ފަހު ބޯޓުގެ ބެޓެރީ ހަލާކުވުމުން 10 މަސް ދުވަހަށް ދަތުރު މެދުކަނޑާލަން ޖެހުނެވެ.

އަވިން ދުއްވާ މަތިންދާ ބޯޓުގެ ދެ ޕައިލެޓުން ކަމަށްވާ ބޯޝްބާގު (ކ) އާއި ޕިކާޑް ގާހިރާ އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އަވިން ދުއްވާ ބޯޓު ދުބާއީގައި ޖެއްސުމަކީ ޕިކާޑުގެ 17 އަހަރުވީ ހުވަފެނެއް ހަގީގަކަށްވުމެވެ. މި ޚިޔާލު އޭނާ އަށް އައީ 1999 ވަނަ އަހަރު ބެލޫނެއްގައި ދުނިޔެ ވަށާ ބުރު ޖަހަން ކުރި ދަތުރާ ގުޅިގެންނެވެ. ސޯލާ އިމްޕަލްސް ޕްރޮޖެކްޓުގައި ޕިކާޑާއި ބޯޝްބާގު މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ.

ޕިކާޑް ވިދާޅުވީ އަވިން އުފައްދާ ހަކަތައަކީ މަތިންދާ ބޯޓު ދުއްވުމުގައި ކުރިމަގުގައި ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރު ތެރޭ ކުރު އަދި މެދު ރާސްތާގެ ދަތުރުތަކަށް އިލެކްޓްރިކް މަތިންދާ ބޯޓު ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަވިން ދުއްވާ މަތިންދާ ބޯޓު ގާހިރާ އެއާޕޯޓުން ނައްޓާލަނީ. --ފޮޓޯ:އޭއެފްޕީ

ވައިގެ ދަތުރުގެ ތާރީޚުގައި އެންމެ ދިގު ދަތުރެއްކޮށް، ސޯލާ އިމްޕަލްސް 2 ވަނީ ވެސްޓަން އެޓްލާންޓިކް ހުރަސް ކޮށްފަ އެވެ. އެ ދަތުރަށް ހަތަރު ދުވަހާއި 21 ގަޑިއިރު ހޭދަވި އެވެ. ބޯޓުގެ ފިޔަގަނޑުގައި ވަނީ އަވިން ހަކަތަ ރައްކާ ކުރުމަށް 17،000 ސެލް ހަރުކޮށްފަ އެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރަން ކުރާ މި ދަތުރުގައި ބޭނުންކުރާ ބޯޓުގެ ފިޔަގަނޑު ބޯއިން 747 ގެ ބޯޓެކޭ އެއްވަރެވެ.