ދުނިޔެ / އީރާން

އިޒްރޭލުގެ ކުރީގެ މިނިސްޓަރެއް އީރާނަށް ޖާސޫސް ކޮށްދިން މައްސަލަ ތަހުގީގު ކުރަނީ

19 ޖޫން 2018 - 07:58

1 comments

އިޒްރޭލުގެ ކެބިނެޓްގައި މީގެ އަހަރުތަކެއް ކުރިން ހިމެނުނު މިނިސްޓަރެއް އީރާނަށް ޖާސޫސް ކޮށްދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ އެތެރޭގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ އިދާރާ "ޝިން ބޭތު" އިން ބުނި ގޮތުގައި 1990ގެ އަހަރުތަކުގައި އިޒްރޭލު ކެބިނެޓްގައި ހަކަތައާ ބެހޭ ވަޒީރެއްގެ މަގާމު ފުރި، މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ގޮނެން ސެގޭވް، އީރާނަށް ޖާސޫސް ކޮށްދިނީ އޭނާ ނައިޖީރިއާގައި ދިރިއުޅުނު ދުވަސްވަރެވެ. އަދި އެ މައްސަލަ ފަޅާ އެރުމުން މިހާރު އޭނާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ނައިޖީރިއާގައި އުޅުނު ދުވަސްވަރު އީރާންގެ ޖާސޫސީ އިދާރާ އިން އޭނާ ރެކްރޫޓް ކުރުމަށް ފަހު، އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ އެތައް ސިއްރުތަކެއް އީރާނަށް ފޯރުކޮށްދިން ކަމަށް ތުހުމަތު ކުރެވެ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އިކުއެޓޯރިއަލް ގިނީ އަށް ދިޔުމުން އިޒްރޭލުގެ އެދުމުގެ މަތިން އޭނާ އިޒްރޭލަށް ފޮނުވައިލި އެވެ. އަދި އިޒްރޭލަށް އައުމާ އެކު އޭނާ މިހާރު ހުރީ އިޒްރޭލު ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރ ކޮށްފަ އެވެ. އޭގެ ކުރިން 2005 ވަނަ އަހަރުގެ ތެރޭގައި ވެސް، މަސްތުވާތަކެތި ވަގަށް އެތެރެ ކުރުމާއި ވަގު ޕާސްޕޯޓްތަކެއް ހެދި މައްސަލައެއްގައި އޭނާ ހައްޔަރު ކުރި އެވެ.

އަދި އޭނާގެ މެޑިކަލް ލައިސަންސް ބާތިލު ކޮށްފައި އޮތް ނަމަވެސް، 2007 ވަނަ އަހަރު މިނިވަންވެގެން އެނބުރި ނައިޖީރިއާ އަށް ދިއުމުން، އެ ގައުމުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ނައިޖީރިއާ ސަރުކާރުން ވަނީ ދީފަ އެވެ.

އިޒްރޭލުގެ ތަހުގީގީ އިދާރާތަކުން މިހާރު އޭނާއާ ސުވާލު ކުރަމުން ދަނީ، އިޒްރޭލާ ބެހޭ ގޮތުން އީރާނަށް އޭނާ ފޯރުކޮށްދިނީ ކޮން މައުލޫމާތުތަކެއް ކަން ހޯދުމަށެވެ. އަދި އީރާނުން އިޒްރޭލާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި އޭނާގެ ދައުރަކީ ކޮބައިތޯ ބެލުމަށް ވެސް އިޒްރޭލުގެ ތަހުގީގީ އިދާރާތަކުން އޭނާއާ ސުވާލު ކުރެ އެވެ.

ތަހުގީގުތަކުން އެނގުނު ގޮތުގައި 2012 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ، ނައިޖީރިއާގައި ހުންނަ އީރާން އެމްބަސީގެ އޮފިޝަލުންނާ އެކި ފަހަރު މަތިން ބައްދަލު ކޮށްފަ އެވެ. އަދި އޭނާ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާ ބައްދަލު ކުރަން ދެ ފަހަރެއްގެ މަތިން އޭނާ އީރާނަށް ވެސް ދިޔަ އެވެ.

އޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް އޭނާ ވަނީ އީރާންގެ ޖާސޫސުންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީފަ އެވެ. އަދި ކޯޑްތަކެއްގެ ޒަރީއާ އިން އީރާންގެ އޭޖެންޓުންނާ މުއާމަލާތު ކުރުމަށްޓަކައި، އެކަމަށް ޚާއްސަކޮށް އީރާނުން އުފައްދާފައިވާ ޚާއްސަ އާލަތެއް ވެސް އީރާނުން ސެގޭވް އަށް ދީފައި އޮވެ އެވެ.

އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި ސެގޭވް ވަނީ، އިޒްރޭލުގެ ހަކަތައާ ބެހޭ މައުލޫމާތުތަކާއި އިޒްރޭލުގެ އަމަންއަމާން ކަމާ ބެހޭ އިދާރާތައް ހުންނަ ތަންތަނުގެ މައުލޫމާތު އީރާނަށް ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން ވިޔަފާރިވެރިން ކަމަށް ބުނެ އީރާނުގެ ޖާސޫސުންނާ، އިޒްރޭލުގެ ހަކަތައާ ބެހޭ ދާއިރާގައި މަސައްކަތް ކުރާ މީހުންނާ ގުޅުވައިދީފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ ކޯޓަށް ހާޒިރު ކޮށް އޭނާގެ މައްޗަށް ވަނީ ބައެއް ތުހުމަތުތައް އުފުލައިފަ އެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ހާލަތުގައި ދުޝްމަން ގައުމަކަށް އެހީތެރިވެދިނުމާއި އިޒްރޭލުގެ ދައުލަތާ ދެކޮޅަށް ޖާސޫސް ކުރުމާއި ދުޝްމަނުންނަށް ގައުމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ތުހުމަތު ހިމެނެ އެވެ.

އީރާންގެ ކުރީގެ ރޫހާނީ އަދި ދީނީ ލީޑަރު އާޔަތުﷲ ޚުމައިނީގެ ޒައާމަތުގައި 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިންގިލާބަށް ފަހު އީރާނުން އިޒްރޭލާ އެކު އެއްވެސް ގުޅުމެއް ނުބާއްވަ އެވެ. އަދި އިޒްރޭލަކީ ޣައިރު ގާނޫނީ ގޮތެއްގައި މުސްލިމުންގެ ބިންތަކެއް ފޭރިގަނެގެން އުފައްދާފައިވާ ދައުލަތަކަށް ވާތީ، އިޒްރޭލުގެ ދައުލަތެއް ފަލަސްތީނުގެ ބިމުގައި އޮންނަން ޖެހޭނެ ކަމަކަށް ވެސް އީރާނުން ގަބޫލެއް ނުކުރެ އެވެ.

1 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 5%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

usmaan

19 June 2018

އިޒްރޭލްގެ ތިޔަމިނިސްޓަރަށް ސުކުރުދަންނަވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454