މިސްރު ސަރުކާރުގެ ކޮރަޕްޓް ވާހަކަ ބުނި އޮޑިޓަ ޖެނެރަލް ޖަލަށް

ގާހިރާ (ޖުލައި 29) - މިސްރު ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުން މަގާމުން ވަކިކުރި އޮޑިޓާ ޖެނެރަލް، ސަރުކާރާ ބެހޭ ގޮތުން ދޮގު މަައުލޫމާތު ފެތުރި ކަމަށް ބުނެ ޖަލަށް ހުކުމްކޮށްފި އެވެ.


ރައީސް އަބްދުލް ފައްތާހު ސީސީ މިދިޔަ މާޗު މަހު ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމުން ހިޝާމް ޖެނީނާ ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ ހަތަރު އަހަރު ދުވަހުތެރޭ މިސްރުގައި ހިންގާފައިވާ ކޮރަޕްޝަން 67.6 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވިދާޅުވުމުންނެވެ.

ޖެނީނާގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ވަނީ 2،000 ޑޮލަރުން ޖުރިމަނާކޮށްފަ އެވެ. އެކަމަކު އިތުރު 1،100 ޑޮލަރު ދައްކައިފި ނަމަ ޖަލު ހުކުމުން އޭނާ ސަލާމަތްވާނެ ކަމަށް ޝަރުއީ ދާއިރާގެ އޮފިޝަލުން ބުނެ އެވެ.

ޖެނީނާގެ ވަކީލް އަލީ ތޯހާ ބުނީ މި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ. އަދި ޖެނީނާގެ މައްޗަށް ކުރި ތުހުމަތު ޕްރޮސެކިއުޓަރުންނަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ގާހިރާގެ ކޯޓެއްގައި ކުރިއަށް ގެންދިޔަ މި ޝަރީއަތަށް ނޫސްވެރިން ވައްދައިފައެއް ނުވެ އެވެ.

ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޖެނީނާ ވިދާޅުވީ އޭނާގެ މައްސަލަ ސިޔާސީކޮށްލާފައިވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުން ޖެނީނާ ވަކިކުރުމަށް ފަހު ރައީސް ސީސީ ވަނީ ޖެނީނާ ވިދާޅުވި ވާހަކަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދަވައިފަ އެވެ. މި ކޮމިޝަނުން ބުނެފައި ވަނީ މިސްރުގެ ކޮރަޕްޝަނުގެ ވާހަކަ ޖެނީނާ ދައްކަވާފައި ވަނީ މާބޮޑުކޮށްލައިގެން ކަމަށެވެ.

ޖެނީނާ ވިދާޅުވި ކަމަށް މިސްރުގެ އަލް ޔޫމް އަލް ސާބިއާ ނޫހުން ބުނީ 2015 ވަނަ އަހަރު އެކަނިވެސް ކޮރަޕްޝަނުގެ ސަބަބުން މިސްރަށް 67.6 ބިިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ. ޖެނީނާ ފަހުން ވިދާޅުވީ އޭނާއާ ހަވާލާދީ އެ ނޫހުން މައުލޫމާތު ހާމަކޮށްފައިވާ ވަނީ މުޅިން ރަނގަޅަށް ނޫން ކަމަށާއި އެ އަދަދަކީ ހަތަރު އަހަރު ދުވަހު ތެރޭ ހިންގާފައިވާ ކޮރަޕްޝަން ކަމަށެވެ.