ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް. --ފޮޓޯ:ޕީޓީއައި
06 ޖުލައި 2018 - 18:56
ކުއާލަ ލަމްޕޫރު (ޖުލައި 6)- އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް ޑިޕޯޓްކޮށް ނުލާނެ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަހާތިރު މިހެން ވިދާޅުވިއިރު އިންޑިއާ އިން ވަނީ ޒާކިރު ނައިކް އަނބުރާ ހަވާލު ކުރުމަށް އިންޑިއާ އިން މެލޭޝިއާގައި އެދިފަ އެވެ. މެލޭޝިއާގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ އިންޑިއާގެ ހުށަހެޅުން މުރާޖައާ ކުރަމުންދާ ކަމަށެވެ.
އިންޑިއާ ދޫކޮށް ޒާކިރު ނައިކް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އެއީ އެ އަހަރު ޑާކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ހިތްވަރު ލިބުނު ބައެއް ކަމަށް ތުހުމަތު ކުރުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބެލެވުމުންނެވެ. އޭގެ ފަހުން ޒާކިރް ނައިކް ދިރިއުޅުއްވަނީ މެލޭޝިއާގެ ޕުތުރާޖަޔާގަ އެވެ. ބާވީސް މީހުން މަރުވި އެ ހަމަލާ އަށް ފަހު ޒާކިރް ނައިކުގެ ޕީސް ޓީވީ ވަނީ ބަންގްލަދޭޝްގައި މަނާކޮށްފަ އެވެ.
މަހާތިރު ވިދާޅުވީ ޒާކިރް ނައިކް އަށް މެލޭޝިއާ އިން ޕާމަނެންޓް ރެސިޑެންސީ ދީފައިވާ ކަމަށާއި އެހެންވެ ޒާކިރް ނައިކުގެ ފަރާތުން މެލޭޝިއާ އަށް އުނދަގޫތަކެއް ނުވާ ނަމަ އޭނާ އިންޑިއާއާ ހަވާލު ނުކުރާނެ ކަމަށެވެ.
އުމުރުން 52 އަހަރުގެ މެޑިކަލް ޑޮކްޓަރު ވިދާޅުވީ އިންޑިއާ އަކީ އޭނާ އަށް ރައްކާތެރި ތަނަކަށްވީމާ ނޫނީ އެ ގައުމަށް ދިއުމުގެ ޚިޔާލެއް ނެތް ކަމަށެވެ.
"އިންޑިއާ ސަރުކާރުން އަޅުގަނޑާ މެދު އިންސާފުން ކަންކުރާނެކަން ޔަގީން ކުރެވުމުން އިންޑިއާ އަށް ދާނަން،" ޒާކިރް ނައިކް ވިދާޅުވި އެވެ.
އިންޑިއާގެ އިންވެސްޓިގޭޓަރުން ޒާކިރް ނައިކް އަނބުރާ ފޮނުވައިދިނުމަށް މެލޭޝިއާގައި އެދެމުންދަނީ އޭނާ އަކީ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ބޭނުންވާ މީހެއް ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
07 July 2018
ނޫހުގަ އޮތީ ޒާކިރުގެ ނުލަފާ ވާހަކައެވެ. އޭނަ ގެ ރަނގަޅު ވާހަކައެއް ނެތެވެ. ދެން ނޫސް ކިޔާ މީހުންނަށް އޮޅޭނެއެވެ.
ފާގިރު
07 July 2018
ޒާކިރަށްވެސް ތިހެން ފިލައިގެނެއް ނޫޅެވޭނެ އިނގޭ!
ޝިޔާމް
06 July 2018
އަލްހަމްދުﷲ