ސީރިއާގެ ހަލަބުގައި އިދިކޮޅު ސިފައިންނަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދީފި

ދިމިޝްގު (އޮގަސްޓް 8) - ސީރިއާގެ ހަލަބު ސިޓީގައި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ބޮޑު ކުރިއެރުންތަކެއް ހޯދަމުން ދަނިކޮށް ސަރުކާރު ސިފައިން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި އެވެ.


ސީރިއާ ސަރުކާރުން ވަނީ ހަލަބުގެ ހުޅަނގު ދެކުނުގެ އަމާޒުތަކަށް ހަނގުރާމަމަތީ ބޯޓުތަކުން ބޮން އަޅާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އިދިކޮޅު ހަނގުރާމަވެރިން ކުރިން ވަނީ ސަރުކާރު ސިފައިން ހަލަބު ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ސިޓީ ހުޅުވާލާފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ދިމިޝްގުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންނަށް އެއްވެސް ކުރިއެރުމެއް ލިބެމުން ނުދާ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންނަށް ހަލަބުގައި ކުރިއަށް ނުދެވޭ ގޮތަށް ސަރުކާރު ސިފައިންގެ ދިފާއު ވަރުގަދަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ހަލަބުގައި އިދިކޮޅު ސިފައިންގެ ބާރުގެ ދަށުގައިވާ ތަންތަނާ އެހެން ހިސާބުތަކާ ސަރުކާރު ސިފައިން ގުޅުން ކަނޑާލީ ޖުލައި މަހު އެވެ.

ހަލަބުގެ ދެކުނުގައި ފަތުހުއް ޝާމް ފްރަންޓުން ދިން ހަމަލާއެއްގައި ދުން އަރަނީ. --ފޮޓޯ:އޭއެފްޕީ

އޭއެފްޕީގެ ރިޕޯޓަރަކު ބުނީ ސަރުކާރު ސިފައިންގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ކަމަށެވެ. ހަލަބުގެ ރަމޫސާހު އޭރިއާ އަށް ދިން ވައިގެ ހަމަލާތަކުގައި ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ވެސް ބައިވެރިވި ކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަޝިޔާ އިން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

އަނެއްކޮޅުން އިދިކޮޅު ހަނގުރާމަވެރިންގެ ކޯލީޝަނުން ބުނީ ހަލަބު ސިޓީ ހިފުމަށް ހަނގުރާމަވެރިންގެ އަދަދު ޑަބަލްކޮށް، އާ ހަމަލާތަކެއް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށެވެ.