ސުނާމީގައި ގެއްލުނު ދެމަފިރިން ބައްދަލުވުމުން ބޮޑު އުފަލެއް

ޕާލޫ (އޮކްޓޯބަރު 2) - އިންޑޮނީޝިއާގެ ޕާލޫ އައިލެންޑަށް އައި ބިންހެލުމާ އެކު އެރި ސުނާމީގައި ގެއްލުނު އެތައް ބަޔަކު އަދިވެސް ނުފެނެ އެވެ. އެކަމަކު އަޒްވާން ނަމަކަށް ކިޔާ ޒުވާނާ އަށް، ސުނާމީގައި ގެއްލުނު އޭނާގެ އަންހެނުން ދޭވީ، ދެ ދުވަސް ފަހުން ފެނުންވީ ބޮޑު އުފުލަކަށެވެ.


ބިންހެލުމާއި ސުނާމީގައި ކުރަން ޖެހުނު ތަޖްރިބާ ހިއްސާ ކުރަމުން 38 އަހަރުގެ އަޒްވާން ބުނީ އަނބިމީހާއާ އަލުން ބައްދަލުވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

ބިންހެލުން އައި އިރު ދޭވީ ދިޔައީ ބީޗްގައި ހުރި ހޮޓަލެއްގައި ފެސްޓިވަލަކަށް ގެސްޓުން ރަޖިސްޓްރީ ކުރަމުންނެވެ. މާގިނައިރުތަކެއް ނުވަނީސް އެރި ބޮޑު ސުނާމީގައި ދޭވީ ދަމައިގަނެގެން ގެންދިޔަ އެވެ.

"ބޮޑު ރާޅަކާ އެކު އަހަރެން ދަމައިގަނެގެން ގެންދިޔަ. އަހަރެން ހޭ އިރު އޮތީ ހޮޓާ ކުރިމަތީ، މަގުމަތީގައި. އެކި މީހުން ސުނާމީއޭ ގޮވާ އަޑު އިވޭ،" އޭއެފްޕީ އަށް އޭނާ ބުންޏެވެ.

ވަރަށް ހާލުން ގޮސް މީހުން ސަލާމަތް ކުރާ މަރުކަޒަކާ ހަމައަށް ދޭވީ އަށް ފޯރި އެވެ. އޭނާ އެރޭ ހޭދަކުރީ އެ ތަނުގަ އެވެ.

އިންޑޮނީޝިއާގެ ޕާލޫ އަށް އައި ބިންހެލުމާއި ސުނާމީގައި ގެއްލުނު ދޭވީ އޭނާގެ ގޭ ކައިރީ. --ފޮޓޯ:އޭއެފްޕީ

"ކާން ބޯނެ އެއްވެސް އެއްޗެއް ނުލިބޭ. އަހަރެމެންނަށް އަންގާފައި ވަނީ ބިންހެލުމަށް ފަހު އަރަމުން ދިޔަ ލޮޅުންތައް ހުއްޓެންދެން މަޑުން ތިބެން،" ދޭވީ ބުންޏެވެ.

ޕާލޫ ސިޓީގެ އެހެން ދިމާލެއްގައި ދޭވީގެ ފިރިމީހާ އަޒްވާން ދިޔައީ ބިންހެލުމުން ސަލާމަތްވި ނަމަވެސް އޭނާގެ ކުޑަ އަންހެން ދަރިފުޅު ގޮވައިގެން އަނބިމީހާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ. ދެ ދުވަސް ވަންދެން އަންހެނުން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި އޭނާ ކުރި އެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހުން ޗެކްކުރި އެވެ. މެޑިކަލް ސެންޓަރުތަކަށް ގޮސް ބޮޑީ ބޭގްތައް ބެލި އެވެ.

"އެއްވެސް ތަނަކުން އަނބިމީހާ ނުފެނުނީމާ އަނެއްކާ ވެސް އެނބުރި ހޮސްޕިޓަލަށް ދިޔައިން. އަދި މޯޗަރީ ވެސް ޗެކްކުރިން،" އަޒްވާން ބުންޏެވެ.

އެކަމަކު މިދިޔަ އާދިއްތަ ދުވަހު ވަނީ އަޒްވާންގެ އަންހެނުން އޭނާގެ އާއިލީ ގެއިން ފެނިފަ އެވެ. ދެމަފިރިން އަލުން އާ ހަޔާތަކަށް ފުރުސަތު ލިބުމުން އަޒްވާން އާއި ދޭވީ ހުރީ ވަރަށް އުފަލުންނެވެ.

ބިންހެލުމާއި ސުނާމީގައި ޕާލޫ އިން ވަނީ 844 މީހުން މަރުވެފަ އެވެ.