ކޮލަމްބޯ (ނޮވެމްބަރު 11) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމާ ގުޅިގެން އެ ގައުމުގައި އުފެދުނު ސިޔާސީ މައްސަލަ ގަނޑަށް އެންމެ ބޮޑަށް ޝައުގުވެރިވި ދެ ގައުމަކީ އިންޑިއާ އާއި ޗައިނާ އެވެ.
އެކަމަކު ދެ ގައުމުގެ ޑިޕްލޮމެޓުން ދަނީ މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަގަނޑުގައި އެއްވެސް ކޮޅެއް ނުނަގާވޭތޯ ބަލަމުންނެވެ.
ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވަކިކޮށް ރާޖަޕަކްސާ އަށް އެ މަގާމު ދިނުން ލަންކާގެ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ސިފަ ކުރައްވާފައި ވަނީ ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގެ ގޮތުގަ އެވެ. ޖަޔަސޫރިއާ ވިދާޅުވަނީ ބޮޑު ވަޒީރު ބަދަލު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރެއްވި ކަމެއް ކަމަށެވެ. އެހެންވެ އޭނާ ވަނީ ރާޖަޕަކްސާ ބަލައިގަތުމަށް ދެކޮޅު ހައްދަވައިފަ އެެވެ.
ލަންކާ ޕާލަމެންޓް ސަސްޕެންޑްކޮށްފައި ބޭއްވުމަށް ފަހު ސިރިސޭނާ އެންމެ ފަހުން ހުކުރު ދުވަހުގެ ރޭ ވަނީ ޕާލަމެންޓް އުވާލައިފަ އެވެ. އާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހު 5 ވަނަ ދުވަހު އެވެ. އަދި ޕާލަމެންޓުގެ ބައްދަލުވުން ފަށަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.
ޕާލަމެންޓް އުވާލި މައްސަލާގައި ކޯޓަށް ދާނެ ކަމަށް ރަނިލްގެ ޔޫއެންޕީން މިހާރު ވަނީ ބުނެފަ އެވެ.
ޗައިނާ އަށް ލަންކާ އަކީ މުހިންމު ގައުމެކެވެ. ރާޖަޕަކްސާ ވެރިކަމުގައި ވަނީ ޗައިނާގެ ލޯނު އެހީގައި އެތައް ޕްރޮޖެކްޓެއް ހިންގައިފަ އެވެ. އަނެއް ކޮޅުން ޗައިނާ އިން ފަށާފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ވެސް ލަންކާގެ މުހިންމުކަން ބޮޑެވެ. ރާޖަޕަކްސާ ވެރިކަމުގެ 10 އަހަރު ޗައިނާ އިން ލަންކާގައި 15 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށްވެ އެވެ.
ލަންކާގެ އިރު ދެކުނުން 23 ކިލޯ މީޓަރު (14 މޭލު) ދުރުގައި އޮންނަ އިންޑިއާ އިން ދެކޭ ގޮތުގައި ސަރަހައްދުގައި ޗައިނާ އިން ހިންގާ ނުފޫޒް ކުޑަ ކުރުމަށް ލަންކާ އަކީ މުހިންމު ބައިވެރިއެކެވެ. އަދި ވިޔަފާރީގައި ވެސް ލަންކާގެ ބޭނުންތެރިކަން ބޮޑު ކަމަށް އިންޑިއާ އިން ދަނީ ބުނަމުންނެވެ. ލަންކާއާ ޗައިނާ އިން ގުޅުން ބަދަހި ކުރަމުން ދިޔަ އިރު އެކަމުގެ ކަންބޮޑުވުންތައް އިންޑިއާ އިން ވަނީ ހާމަކޮށްފަ އެވެ.
އިންޑިއާ އާއި ޗައިނާއާ ލަންކާ ގުޅިފައިވާ ގުޅުން ބޮޑެވެ. އެެއީ އެތައް ހާސް އަހަރެއްވީ ގުޅުމެކެވެ. ޗައިނާގެ ޒަމާންވީ ސިލްކް ރޯޑުން ކުރި ވިޔަފާރި ދަތުރުތަކުގައި ޗަައިނާގެ ވިޔަފާރިވެރިން ލަންކާގައި މަޑުކޮށް އަސޭމިރުހާއި ފޮނިތޮށި އަދި އައިވަރީ އާއި ޖަވާހިރުގެ ބާވަތްތައް ގެންދާ ކަމަށްވެ އެވެ.
އިންޑިއާ އާއި ލަންކާ ވަނީ ސަގާފީ ގޮތުން ވެސް ގުޅިފަ އެވެ. ބައެއް ބޯދާ ވާހަކަތަކުގައި ކިޔާ އުޅޭ ގޮތުން ލަންކާގެ އަޣުލަބިއްޔަތު އޮންނަ ސިންހަޅައިންނަކީ 2،000 އަހަރު ކުރިން ލަންކާ އަށް އަރުވާލި އިންޑިއާގެ ޕްރިންސެެއްގެ ދަރިކޮޅެވެ. ލަންކާގެ ތަމަޅަ އިންނަކީ 18 އަދި 19 ވަނަ ގަރުނުުގެ ދުވަސްވަރު ލަންކާގައި ސައިފަތުގެ މަސައްކަތަށް ދެކުނު އިންޑިއާ އިން އިނގިރޭސި ވިލާތުގެ އިސްތިއުމާރީ ވެރިން ގެނައި ބައެއް ކަމަށްވެ އެވެ.
ތަމަޅަ ޓައިގަރުންނާ އެކު ލަންކާ ސިފައިން ކުރި ދިގު ހަނގުރާމައިގައި އިންޑިއާ އިން 1980 ގެ އަހަރުތަކުގައި ވަނީ ސުލްހަ ބަލަހައްޓާ ސިފައިން ވެސް ލަންކާ އަށް ފޮނުވައިފަ އެވެ. ނަމަވެސް ތަމަޅައިންނާ މެދު އިހާނެތިކޮށް ކަންތައް ކުރުމުން އިންޑިއާ ސިފައިން ބޭލުމުން ލިބުނު ހުސްކަމުގެ ފައިދާ ޗައިނާ އިން ވަނީ ނަގައިފަ އެވެ. ރާޖަޕަކްސާ ސަރުކާރުން 2009 ވަނަ އަހަރު ހަނގުރާމަ ނިންމާލިއިރު ޗައިނާ އިން އަސްކަރީ ގޮތުން އެހީތެރިކަން ދިން ކަމަށްވެ އެވެ.
ސިރިސޭނާ ސަރުކާރަށް ވެސް ޗައިނާ އިން ވަނީ އެހީވެދީފަ އެވެ. ޗައިނާ އިން މިދިޔަ ޖުލައި މަހު ވަނީ ސިރިސޭނާ ބޭނުން ކަމަކަށް ޚަރަދު ކުރަން 300 މިލިއަން ޑޮލަރު ދީފަ އެވެ.