ބޮމުގެ ހަމަލާގައި މަރުވީ މިސްކިތުގައި ނިދަން ތިބި ދެ މީހުން. --ފޮޓޯ:އޭޕީ
30 ޖެނުއަރީ 2019 - 14:18
މެނީލާ (ޖެނުއަރީ 30) - ފިލިޕީންސްގެ ދެކުނުގެ ހިސާބެއްގައިވާ މިސްކިތަކަށް މިއަދު ދިން އަތުބޮމުގެ ހަމަލާއެއްގައި ދެ މީހުން މަރުވެ ހަތަރު މީހުން ޒަޚަމްވެއްޖެ އެވެ.
ޒަމްބޮންގާ ސިޓީގައިވާ މިސްކިތަށް ހަމަލާދީފައި މި ވަނީ ޖޯލޯ އައިލެންޑުގެ ފައްޅިއެއްގައި ބޮމެއް ގޮއްވާލައި އެތައް ބަޔަކު މަރާލާފައި ވަނިކޮށެވެ. އަދި ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯ ޖަޒީރާތަކުގައި މުސްލިމުންގެ ވެރިކަމެއް ބޭއްވުމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ފާސްކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ.
މަރުވެފައި ވަނީ ބޮމުގެ ހަމަލާ ދިން އިރު މިސްކިތުގައި ނިދަން ތިބި ދެ މީހުންނެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ.
ސަރަހައްދީ ސިފައިންގެ ކޮމާންޑަރު ކާނަލް ލިއޯން ނިކޮލަސް ވިދާޅުވީ މިސްކިތުގައި ބޮން ގޮއްވާފައި ވަނީ ފައްޅި އަށް ދިން ހަމަލާގެ ބަދަލު ހިފަން ކަމަށް ނުބެލެވޭ ކަމަށެވެ. ފައްޅި އަށް ދިން ހަމަލާގައި 21 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy