އިންޑިއާ އިން އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ރައްދު ދޭނަން: އިމްރާން ޚާން

އިސްލާމްއާބާދު (ފެބްރުއަރީ 19) - ކަޝްމީރުގައި މިދިޔަ ހަފުތާގައި ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފި ނަމަ ޕާކިސްތާނުން ވެސް ރައްދު ދޭނެ ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން މިއަދު ވިދާޅުވެއްޖެ އެވެ.


ގައުމީ ޓީވީ މެދުވެރިކޮށް އިމްރާން ޚާން ދެއްވި ބަޔާނުގައި ވަނީ ކަޝްމީރުގައި ދިން ހަމަލާގައި ޕާކިސްތާން ބައިވެރިވާކަމުގެ ހެކި ހުރި ނަމަ އިންޑިއާ އިން އެ ހެކި ދެއްކުމަށް އެދިވަޑައިގެންފަ އެވެ. ކަޝްމީރުގައި ބުރާސްފަތި ދުވަހު ދިން ހަމަލާގައި ވަނީ އިންޑިއާގެ ސަލާމަތީ ފުލުހުންގެ 40 މީހުން މަރުވެފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުން އުފުލައިފަ އެވެ.

ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަނީ ހޫނުވެފަ އެވެ.

ކަޝްމީރުގެ ހަމަލާ އަށް ފަހު އިމްރާން ޚާން ދެއްވި ބަޔާނުގައި ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ޕާކިސްތާނުގެ ބޮލުގައި ތުހުމަތު އެޅުވުން އިންޑިއާ އިން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ޕާކިސްތާނުގެ މިނިވަން ކަމަށް ނުރައްކާވާ ފަދަ ކަމެއް އިންޑިއާ އިން ކޮށްފި ނަމަ އެއާ އެއްފަދަ ރައްދެއް ޕާކިސްތާނުން ވެސް ދޭނަން،" އިމްރާން ޚާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަޝްމީރުގެ ހަމަލާއާ ގުޅޭ ގޮތުން ކުރިން ވާހަކަ ނުދެއްކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދަތުރުފުޅެއް އޮތުމުން ކަމަށެވެ.

މިދިޔަ އަހަރު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން ވިދާޅުވީ ހަމަލާ ތަހުގީގު ކުރުމަށް ދިއްލީ އަށް ޕާކިސްތާނުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ. އަދި އެ މައްސަލަ އަށް އަޝްކަރީ ހައްލެއް ނުހޯދޭނެ ކަމަށް ވިދާޅުވި އެވެ.

ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ އަޝްކަރީ ކޮމާންޑަރަކު ވަނީ މިދިޔަ ހަފުތާގައި ދިން ހަމަލާގެ ކޮންޓްރޯލް އޮތީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އިންޓަ-ސާވިސް އިންޓަލިޖެންސް (އައިއެސްއައި) ގެ އަތުގައި ކަމަށް ވިދާޅުވެފަ އެވެ.

ކަޝްމީރުގައި ދިން ހަމަލާ އަކީ ވޭތުވެދިޔަ 20 އަހަރު ތެރޭ ދިން އެންމެ ނުރައްކާ ހަމަލާ އެވެ.