މަރުގެ ތުހުމަތުކޮށްފައިވާ އެތައް ބަޔަކު ވަނީ ތަހުގީގުގައި އެ މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނެފައި. --ފޮޓޯ:އޭއެފްޕީ
21 ފެބުރުއަރީ 2019 - 13:42
ގާހިރާ (ފެބްރުއަރީ 21) - މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހިޝާން ބަރަކާތު 2015 ވަނަ އަހަރު އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވި މީހުންގެ ތެރޭން ނުވަ މީހަކަށް މަރުގެ އަދަބު އިއްޔެ ދީފި އެވެ.
ވެރިރަށް ގާހިރާގައި ބަރަކާތުގެ ކާރަށް ބޮމުގެ ހަމަލާ ދީގެން އޭނާ އަވަހާރަކޮށްލި ކަމުގެ ކުށުގައި 28 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ އިންސާފުން ބޭރުން ކަމަށެވެ. އަދި އެ މައްސަލާގައި ނުވަ މީހެއްގެ މަރުގެ ހުކުމް ތަންފީޒް ކުރުމަކީ މިސްރުގައި އަދަލު އިންސާފު ނެތްކަން ހާމަވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އަވަހާރަކޮށްލި މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހިޝާން ބަރަކާތު.
މިސްރުގެ ބްރަދަހުޑުގެ ތާއީދު އޮތް ސަރުކާރު 2013 ވަނަ އަހަރު ވައްޓާލި ފަހުން އެ ޖަމާއަތަށް ނިސްބަތްވާ އެތައް ބައެއްގެ މައްސަލަ ބަރަކާތު ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ. ބްރަދަހުޑު މިސްރުގައި މަނާކުރުމަށް ފަހު އެ ޖަމާއަތުގެ އެތައް ބައެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާ އަނެއް ބަޔަކު އުމުރު ދުވަހަށް ޖަލުގައި ބަންދު ކުރުމަށް ހުކުމްކޮށްފަ އެވެ.
ބަރަކާތު އަވަހާރަކޮށްލި ކަމަށް މިސްރުން ތުހުމަތު ކޮށްފައި ވަނީ ބުރަދަހުޑާއި ފަލަސްތީނުގެ ހަމާސް ޖަމާއަތަށެވެ. ނަމަވެސް އެ ދެ ޖަމާއަތުން އެކަން ދޮގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy