އައިއެސްއާ ގުޅުނު ބޭރުގެ ހަނގުރާމަވެރިންނަށް މަރުގެ އަދަބު ދެނީ

ބަޣުދާދު (މާޗް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިފައިވާ ބޭރު ގައުމުތަކުގެ ހަނގުރާމަވެރިންނަށް މަރުގެ އަދަބު ދޭނެ ކަމަށް އިރާގުގެ ރައީސް ބަރްހާމް ސޯލިހް ވިދާޅުވެއްޖެ އެވެ.


"އައިއެސްގެ ހަނގުރާމަވެރިންނާ މެދު ކަންތައް ކުރާނީ އިރާގުގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން. އެ މީހުން ކުށްވެރިވެއްޖެ ނަމަ މަރުގެ އަދަބު ދޭނަން،" އަބޫ ދާބީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސޯލިހް ވިދާޅުވި އެވެ.

އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން މިހާރު ވަނީ އައިއެސް ނައްތާލުމުގެ އެންމެ ފަހުގެ އޮޕަރޭޝަން ފަށައިފަ އެވެ. ސީރިއާގެ އިރުމަތީގެ ބާޣޫޒުގައި ތިބި އައިއެސްގެ މަދު ހަނގުރާމަވެރިންތައް ބަލިކޮށް އެ އަވަށް ވަރަށް އަވަހަށް ފަތަހަ ކުރާނެ ކަމަށް އެސްޑީއެފް އިން ބުނެ އެވެ. އެސްޑީއެފް އިން މިހާރު ވަނީ އައިއެސްގެ 280 ހަނގުރާމަވެރިން މިދިޔަ މަހު އިރާގާ ހަވާލުކޮށްފަ އެވެ. އަދި އިތުރު ހަނގުރާމަވެރިން ހަވާލު ކުރުމުގެ އެއްބަސްވުމެއް ވަނީ ގާއިމްކޮށްފަ އެވެ.

އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވިދާޅުވީ އައިއެސްއާ ގުޅިފައިވާ ބޭރުގެ ހަނގުރާމަވެރިން އެ މީހުންގެ ގައުމުތަކާ ހަވާލު ކުރެވިދާނެ ކަމަށާއި ނޫން ނަމަ އެ މީހުންނާ ދެކޮޅަށް އިރާގުގައި ޝަރީއަތް ހިންގާނެ ކަމަށެވެ.

އިރާގުގެ ރައީސް ވިދާޅުވީ އެ ގައުމުގެ ބިމުގައި އައިއެސްގެ ހަނގުރާމަވެރިން އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށެވެ.

އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަވަށް ހިފުމަށް އެސްޑީއެފް އިން ހަނގުރާމަ ކުރަމުންދާއިރު އައިއެސްގެ ހަނގުރާމަވެރިން ދަނީ އާއްމުންގެ ތެރޭގައި ހިމެނި ބާޣޫޒުން ނުކުމެ ފިލަން މަސައްކަތް ކުރަމުންނެވެ.