ކްރައިސްޗާޗް (މާޗް 15) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތެއްގައި މިއަދު ހުކުރަށް ގޮސް ތިބި ބަޔަކަށް އަމާޒުކޮށް ބަޑިން ހަމަލާ ދިން އެކަކީ އޮސްޓްރޭލިއާގެ ކަނާތު ފިޔައިގެ ހައްދުފަހަނަޅާފައިވާ "ޓެރަރިސްޓެއް" ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޮރިންސަން ވަނީ ނިއު ޒީލެންޑުގެ ދެކުނުގެ ކުޑަ ސިޓީއެއް ކަމަށްވާ ކްރައިސްޗާޗަށް ހަމަލާ ދިން އޮސްޓްރޭލިއާ މީހާއާ ބެހޭ އިތުރު މައުލޫމާތު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. މޮރިސަން ވިދާޅުވީ އެ ހަމަލާއާ އޮސްޓްރޭލިއާއާ އެއްވެސް ގުޅުމެއް އޮތްތޯ ސަލާމަތީ ފަރާތްތަކުން ބަލަމުންދާ ކަމަށެވެ.
މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް ވަނީ 49 މީހުން މަރުވެ 20 މީހުން ޒަޚަމްވެފަ އެވެ.
މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑަކީ އެއް އާއިލާއެއް ކަމަށެވެ. އޭނާ ވަނީ މި ހަމަލާއާ ގުޅިގެން ނިއު ޒީލެންޑަށް ހަމްދަރުދީ ފާޅު ކުރައްވައިފަ އެވެ.
ނިއު ޒީލެންޑު ފުލުހުން ބުނީ ހަމަލާއާ ގުޅިގެން ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.