ކްރައިސްޗާޗް (މާޗް 15) ހަތިޔާރު އަޅައިގެން ތިބި ޓެރަރިސްޓުންގެ ބަޔަކު ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިއަދުގެ ހުކުރު ވަގުތު ދިން ހަމަލާގައި ބަންގްލަދޭޝްގެ ކްރިކެޓް ޓީމު ސަލާމަތްވީ ކިރިޔާ އެވެ.
ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ތަރުޖަމާން ޖަލާލް ޔޫނުސް ވިދާޅުވީ ހަމަލާ ދިނީ ކްރިކެޓް ޓީމު ބަހުން ފައިބައިގެން މިސްކިތަށް ވަންނަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
"ކުޅުންތެރިން ސަލާމަތްވި ނަމަވެސް އެ މީހުން ތިބީ ނަފްސާނީ ގޮތުން ޝޮކެއްގައި. ހުރިހާ ކުޅުންތެރިން ވެސް ހޮޓަލުގައި ތިބުމަށް ވާނީ އަންގާފައި،" ޔޫނުސް ވިދާޅުވި އެވެ.
ބަންގްލަދޭޝް ޓީމުގެ ހުޅުވަން އަރާ ބެޓްސްމަން ތަމީމް އިގްބާލް ކުރި ޓްވީޓެއްގައި ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިން ސަލާމަތްވި ނަމަވެސް އެއީ ބިރުވެރި ތަޖްރިބާއެއް ކަމަށް ބުނެފަ އެވެ.
އެހެން ކުޅުންތެރިއެއް ކަމަށްވާ މުޝްފިގުއްރަހިމް ވަނީ ސަލާމަތްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދުކޮށްފަ އެވެ.
"އަހަރެމެން އެންމެންގެ ވެސް ނަސީބު ވަރަށް ރަނގަޅު. މިފަދަ ކަމެއް ދެން ދުވަހަކު ވެސް ތަކުރާރުވާކަށް ބޭނުމެއް ނުވޭ. އަހަރެމެންނަށް ދުއާކޮށްދީ،" އޭނާ ބުންޏެވެ.
ޓީމުގައި ހިމެނޭ ބަންގްލަދޭޝް ޑެއިލީ ސްޓާގެ ރިޕޯޓަރު މަޒްހަރުއްދީން ބުނީ ކްރައިސްޗާޗްގެ މަސްޖިދުއް ނޫރަށް އަރަން ބަހުން ފައިބަނިކޮށް، ހަމަލާ ދޭން ފެށި ވާހަކަ އެ މީހުން ގާތު ބުނި ކަމަށެވެ.
"ދެން އެންމެން ބަހަށް އަރައި ތިރިވެގެން ތިބީ،" އޭނާ ބުންޏެވެ.
ޓީމުގެ މެނޭޖަރު ޚާލިދު މަޝްހޫދު ބުނީ ލެޔާ ތަތްތެޅިފައި ތިބި މީހުން މިސްކިތުން ނުކުންނަ މަންޒަރު ފެނިފައިވާ ކަމަށެވެ.
ހަމަލާގައި މިހާތަނަށް ވަނީ 49 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 41 މީހުން މަރުވީ ނޫރް މިސްކިތަށް ދިން ހަމަލާގަ އެވެ. ހަމަލާ އިން ސަލާމަތްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ކްރިކެޓް ޓީމުގެ 17 ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ފަލަސްތީން މީހަކު ހިމެނެ އެވެ.
ނިއު ޒީލެންޑާ ދެކޮޅަށް ބަންގްލަދޭޝްގެ ޓީމު މާދަމާ ކުޅެން އޮތް ޓެސްޓް މެޗު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެކަށީގެންވާ ސެކިއުރިޓީއާ އެކު ނޫނީ ދަތުރު ނުކުރާނެ ކަމަށް ބަންގްލަދޭޝްގެ ޓީމުން ވަނީ ބުނެފަ އެވެ.