ބަޑިޖެހި މީހާ ފުރަގަހުން ހިފެހެއްޓީ ހިތްވަރުގަދަ މީހެއް

ކްރައިސްޗާޗް (މާޗް 16) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތުގައި ހުކުރު ދުވަހުގެ ހުކުރު ވަގުތު ބަޑިން ހަމަލާ ދިން މީހާގެ ފުރަގަހުން މީހަކު ގޮސް އެ މީހާ ހިފެހެއްޓި ކަމަށާއި އެހެން ނޫން ނަމަ މަރުވި މީހުންގެ އަދަދު މާބޮޑަށް އިތުރުވާނެ ކަމަށް މަންޒަރުދުށް މީހަކު ބުނެފި އެވެ.


މިސްކިތުގައި ހުރި އިންޑިއާ ދަރިކޮޅުގެ މީހަކު އެންޑީޓީވީ އަށް ބުނީ ބަޑި ޖަހަމުން ދަނިކޮށް ފަހަތުން މީހަކު ގޮސް އެ މީހާ ހިފެހެއްޓި ކަމަށާއި އަދި އޭނާގެ އަތުން ބަޑި ދޫވެގެން ވެއްޓެއްދެން ހިފަހައްޓައިގެން ހުރި ކަމަށެވެ.

"އަހަރެމެން ތިބީ ކުޑަ މިސްކިތެއްގައި. ގާތްގަނޑަކަށް 100 އަކަ މީޓަރުގެ ތަނެއްގައި. އެވަރުގެ ތަނަކަށް މީހަކު ބަޑި ހިފައިގެން ވަދެ ހަމަލާ ދީފި ނަމަ އެކަކު ވެސް ސަލާމަތް ނުވާނެ،" ނިއު ޒީލެންޑުގައި ދިރިއުޅޭތާ 10 އަހަރުވެފައިވާ ފައިސަލް ސައިދު ބުންޏެވެ. "އެކަމަކު އަހަންނަން ފެނުނު ވަރަށް ހިތްވަރުގަދަ މީހަކު ފަހަތުން ގޮސް އޭނާ ހިފަހައްޓައި ހަތިޔާރު ބިންމައްޗަށް ވައްޓާލި މަންޒަރު."

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް ފުލުހުން ގާޑު ކުރަނީ. --ފޮޓޯ:އޭޕީ

ސައީދު ބުނީ ހިފެހެއްޓި މީހާގެ ހިތްވަރުގަދަކަމުން ބަޑި ޖެހި މީހާ އަށް އިތުރު ގޮތެއް ނެތް ކަމަށާއި އޭނާ ދެން ބެލީ ލިންވުޑް މިސްކިތުން ނުކުމެގެން އަވަހަށް ދިއުމަށް ކަމަށެވެ.

"އެ މީހާ ނުހިފެހެއްޓި ނަމަ މިސްކިތުން އެކަކު ވެސް ސަލާމަތް ނުވާނެ. އަހަރެން ވެސް ހުންނާނެހެން ހިއެއް ނުވޭ. އެއީ ވަރަށް ހިތްވަރުގަދަ މީހެއް. އެ މީހާ ހޯދަން އަހަރެން މަސައްކަތް ކުރާނަން،" މުމްބާއީން ނިއު ޒީލެންޑަށް ހިޖުރަކޮށްފައިވާ ސައިދު ބުންޏެވެ.

ލިންވުޑް މިސްކިތަށް ދިން ހަމަލާގައި މަރުވީ އަށް މީހުންނެވެ. އަލް ނޫރް މިސްކިތަށް ދިން ހަމަލާގައި ވަނީ 41 މީހުން މަރުވެފަ އެވެ. އޮސްޓްރޭލިއާ އަށް އުފަން 28 އަހަރުގެ ބްރެންޓަން ޓަރަންޓް ފުރަތަމަ ހަމަލާ ދިނީ އަލް ނޫރް މިސްކިތަށެވެ. އޭގެ ފަހުން އޭނާ ދިޔައީ އެ މިސްކިތާ ފަސް ކިލޯ މީޓަރު ދުރުގައި ހުންނަ ލިންވުޑް މިސްކިތަށެވެ.