ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ބޭރުގައި ބޮޑު ޖަމާއަތުގައި މިއަދު ހުކުރު ކުރަނީ. --ފޮޓޯ:އަލް ޖަޒީރާ
22 މާޗް 2019 - 08:49
ކްރައިސްޗާޗް (މާޗް 22) - ކްރައިސްޗާޗުގައި ހުކުރު ނަމާދަށް ގޮސް ތިބި ބަޔަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ އަށް ފަހު އައި ފުރަތަމަ ހުކުރުގައި އަލް ނޫރް މިސްކިތާ ކައިރީގައިވާ ހަގްލޭ ޕާކްގައި ބޮޑު ޖަމާއަތެއްގައި ހުކުރު ނަމާދު މިއަދު ކޮށްފި އެވެ.
ނިއު ޒީލެންޑުގެ އެކި ކަންކޮޅުތަކުން އެ ޖަމާއަތަށް މީހުން ދިޔަ އެވެ. ހުކުރު ނަމާދުގެ ބަންގި އާއި ހުކުރު ޚުތުބާ ވަގުތުން ވަނީ އެ ގައުމުގެ ގައުމީ ޓީވީންނާއި ރޭޑިއޯ އިން ގެނެސްދީފަ އެވެ. އޭގެ ފަހުން ވަނީ ދެ މިނިޓުގެ ސްކޫކެއް ގެނެސްފަ އެވެ. އެ ޖަމާއަތަށް މުސްލިމުން ނޫން އެތަައް ހާސް ބަޔަކު ވެސް ދިޔަ އެވެ. އެ މީހުންގެ އިތުރުން މުޅި ގައުމުގެ އެންމެން ވަނީ ސްކޫތުގައި ބައިވެރިވެފަ އެވެ. މުސްލިމުން ހުކުރު ނަމާދު ކުރަމުން ދިޔަ އިރު މުސްލިމުން ނޫން އަންހެނުން ފަހަތުގައި ތިބީ ބުރުގާ އަޅައިގެންނެވެ. އެ މީހުންގެ ހިތްތައް ވަނީ މުސްލިމުންނާ އެކުގައިކަން ދެއްކުމުގެ ގޮތުންނެވެ.
ކްރައިސްޗާޗުގެ ބޮޑު ޖަމާއަތުގައި ހުކުރު ކުރަމުން ދިޔަ އިރު ބޮޑު ވަޒީރު އާޑާން. --ފޮޓޯ:ރޮއިޓާސް
އަލް ނޫރް މިސްކިތާ 500 މީޓަރު ދުރުގައިވާ ޕާކްގައި ބޭއްވި ހުކުރު ނަމާދުގެ ބޮޑު ޖަމާއަތް އޮތް ތަނަށް ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވެސް ވަޑައިގެންނެވި އެވެ. އަލް ނޫރް މިސްކިތަށް ދިން ހަމަލާގައި 42 މީހުން މަރުވި އެވެ. އަނެއް އަށް މީހުން ވަނީ ލިންޑްވުޑް މިސްކިތަށް ދިން ހަމަލާގަ އެވެ.
"ހަށިގަނޑުގެ އެއްވެސް ތަނެއްގައި ވޭނެއް އަޅާ ނަމަ މުޅި ހަށިގަނޑަށް އެކަމުގެ ތަދު އިހްސާސް ކުރެވޭނެ،" ހުކުރު ނަމާދުގެ ޖަމާއަތަށް ދިޔަ މީހުންނާ މުޚާތަބް ކުރައްވާ ރަސޫލާގެ ހަދީސްފުޅެއްގެ ތަރުޖަމާ ކަޅު ބުރުގާ އަޅުއްވައިގެން ހުންނެވި އާޑަން ވިދާޅުވި އެވެ. "ހުރިހާ މުސްލިމުންގެ ހިތާމައިގައި ނިއު ޒީލެންޑް ބައިވެރިވަން. އަހަރެމެން އެންމެންނަކީ ވެސް އެއް ބައެއް."
އަލް ނޫރު މިސްކިތުގެ އިމާމް ޖަމާލް ފައުދާ މިންބަރުގައި ހުންނަވާ ވިދާޅުވީ މިދިޔަ ހަފުތާގައި ހަމަލާ ދިން ތަނާ މާ ދުރުނޫން ތަނެއްގައި އޭނާ ހުންނެވި އިރު ފެނިގެން ދަނީ ނިއު ޒީލެންޑުގެ އެތައް ހާސް ބަޔަކާއި މުޅި ދުނިޔޭގެ ހުރިހާ އިންސާނުންގެ ލޯތްބާއި ހަމްދަރުދީ ކަމަށެވެ.
ކްރައިސްޗާޗުގެ ހުކުރު ނަމާދުގެ ޖަމާތަށް ދިޔަ ގިނަ އަންހެނުން ތިބީ ބުރުގާގައި. --ފޮޓޯ:ރޮއިޓާސް
"ނިއު ޒީލެންޑް ފުނޑުފުނޑު ނުކޮށްލެވޭނެކަން އަޅުގަނޑުމެން ސާބިތު ކޮށްދީފި. ނިއު ޒީލެންޑަކީ ލޯތްބާއި އެކުވެރިކަމުގެ ނަމޫނާއެއްކަން ދުނިޔެ އަށް މިހާރު ހާމަވާނެ. އަހަރެމެންގެ ހިތްތައް ހަލާކުވެއްޖެ. އެކަމަކު އަހަރެމެން ހަލާކެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ހުކުރުގެ ޖަމާއަތަށް ނިއު ޒީލެންޑުގެ އެކި ކަންކޮޅުތަކުން މީހުން ދިޔަ އެވެ. އޮކްލޭންޑުން ކްރައިސްޗާޗަށް ދިޔަ އިމްރާން ޚާން ކިޔާ މީހަކު ބުނީ އެއީ މަރުވެދިޔަ މީހުންނަށް އިހްތިރާމް އަދާކުރަން އޭނާ ކުރި ދަތުރެއް ކަމަށެވެ. ހަމަލާގައި އޭނާގެ ހަތަރު ރަހުމަތްތެރިއަކު ވަނީ މަރުވެފަ އެވެ.
އަލް ނޫރް މިސްކިތަށް އާއްމުކޮށް ނަމާދަށް ދާ އަހުމަދު އުސްމާން ބުނީ ނިއު ޒީލެންޑުން ފެނިގެންދާ އެކުވެރި ކަމަކީ ހަމަލާ ދިން މީހާގެ އަމަލް ފެއިލްވެފައިވާކަން ކަމަށެވެ.
ހުކުރު ނަމާދު ކުރަމުން ދިޔަ އިރު މުސްލިމް ނޫން އެތައް ހާސް ބަޔަކު ވެސް ހިމޭންކަމާ އެކު ސަފުތަކުގެ ފަހަތުގައި ތިއްބެވެ. ގިނަ އަންހެނުން ތިބީ ބުރުގާ ވެސް އަޅައިގެންނެވެ. ކްރައިސްޗާޗުގެ ރައްޔިތެއް ކަމަށްވާ ޖެނިން ބެންސަން ބުނީ އޭނާ ބުރުގާ އެޅީ މުސްލިމުންގެ ހިތާމައިގެ ވަގުތުގައި އެ މީހުންނަށް އިހްތިރާމް ކުރުމަށް ކަމަށެވެ.
"އަހަރެން ކޮންމެ ދުވަހަކު މަސައްކަތަށް ދަނީ މި މިސްކިތް ހުރަސްކޮށް. މިސްކިތަށް ދިން ހަމަލާ އިން އަހަރެންނަށް ވެސް އަސަރު ކުރި،" އޭނާ ބުންޏެވެ.
ހަމަލާ ދިން ދެ މިސްކިތް ވެސް މަރާމާތަށް ފަހު މާދަމާ ހުޅުވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބުރަތް
22 March 2019
މިކަމުންވެސް މިކުޑަކުޑަ ޤައުމުގަތިބި ދީނައްލޯބިނުކުރާމީހުން ޢިބުރަތްލިބިގަންނަމާތޯ
ނޫސަންގު
22 March 2019
އަހަރެމެން 100 ޕަސެންޓް މުސްލިމް ގައުމުގެ ހުކުރު ޚުތުބާގައި ނިއުޒީލޭންޑްގައި މަރުވި މީހުންގެ ވާހަކަވެސް ނެތް. ދީން ކުރިއަރުވާ ދީނުގެ މާތް ސިފަތަށް/އަޚްލާގް ކުރިއަރުވަނީ މިހެންތޯ؟
ޤައުމު
22 March 2019
ދެރައީ މިއަދުގެ ހުކުރު ހުތުބާގައި ނިއުޒިލެންގެ މުސްލިމުންނާއި އެކު ދިވެހިން ތިބިކަން ފާހަގަ ނުކުރީމަ
ޢަލިބޭބެ
22 March 2019
ބަންގި އެކަންޏެއް ނޫން، ނިއުޒިލެންޑްގެ ޤައުމި ޓީވީން ވަނީ މެންދުރު ނަމާދުގެ ބަންގި އާއި ހުކުރު ނަމާދު ބަންގި އާއި ހުކުރު ޚުތުބާ އާއި ހުކުރު ނަމާދުވެސް ވަގުތުން ދުރަށް ފޮނުވާފައި
ޙަގީގަތް
22 March 2019
ﷲއީހިތްތަކުގެ މިލުކުވެރިރަސްކަލާންގެ އެބައިމީހުން ގައިރުމުސްލިމުންނަ ތެދުމަގުދައްކަވައި މުޅިދުނިޔޭގައި މުސްލިމުންގިނަކުރައްވައި އެބައިމީހުންގެހިތްތަކުގައި އީމާންތެރިކަންވަރުގަދަކުރައްވާދޭ އާމީން
މޮޔަސޭޓް
22 March 2019
އަލްހަމްދުލިﷲ