މުސްލިމުންނަށް އުނދަގޫކުރި ޓްރަމްޕުގެ ސަޕޯޓަރަކު ހައްޔަރުކޮށްފި

ކްރައިސްޗާޗް (އެޕްރީލް 12) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ މިސްކިތެއްގެ ބޭރުގައި ނަމާދު ކުރަން ތިބި ބަޔަކާ ދިމާލަށް އަޑުގަދަކޮށް އުނދަގޫ ކުރި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ހައްޔަރު ކުރި އުމުރުން 33 އަހަރުގެ މީހާ އަކީ ޓްރަމްޕުގެ ސަޕޯޓަރެއްކަން އެނގެނީ އޭނާ ލައިގެން ހުރި ޓީޝާޓްގައި ޓްރަމްޕުގެ ނަން ލިޔެފައިވާތީ އެވެ. އެ މީހާ ވަނީ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގައި ތިބި މުސްލިމުންނަށް އުނދަގޫވާ ގޮތަށް ކަންތައް ކޮށްފަ އެވެ. އަލް ނޫރު މިސްކިތުގައި މިދިޔަ މަހު 15 ވަނަ ދުވަހު ބަޑިން ދިން ހަމަލާތަކުގައި 40 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

"މުޖްތަމައުގެ ވަކި ބަޔަކަށް އަމާޒްކޮށް އެއްވެސް ބާވަތެއްގެ އުނދަގުލެއް ކުރުމަށް ޖާގައެއް ނޯންނާނެ،" ކެންޓަބަރީ ޑިސްޓްރިކްޓް ކޮމާންޑަރު ސުޕްރިންޓެންޑެންޓް ޖޯން ޕްރައިސް ވިދާޅުވި އެވެ.

ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. ހަމަލާ ދިން އޮސްޓްރޭލިއާގެ ބްރަންޓް ޓަރަންޓުގެ މައްޗަށް ވަނީ މީހުން މެރުމުގެ 50 ދައުވާ އުފުލައިފަ އެވެ.