ލަންކާގެ މިސްކިތްތަކަށް ހަމަލާދޭތީ ކާފިއު ހިންގައިފި

ކޮލަމްބޯ (މެއި 14) - ސްރީ ލަންކާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވެ މިސްކިތްތަކަށް ހަމަލާދޭން ފެށުމުން އެ ގައުމުގައި ރޭ ކާފިއު އިއުލާން ކޮށްފި އެވެ.


ދީނީ ހަމަނުޖެހުންތަކުގައި އިއްޔެ ވަނީ މުސްލިމަކު މަރުވެފަ އެވެ. މިއީ މިދިޔަ މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގައި ހިންގި ހަމަނުޖެހުންތަކުގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އުމުރުން 45 އަހަރުގެ މީހާ މަރުވީ ޕުއްތަލަމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ފަހުންނެވެ.

އޮފިޝަލުން ބުނެފައި ވަނީ ކާފިއު އިއުލާންކުރީ ދީނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

ނޯތު ވެސްޓަން ޕްރޮވިންސްގެ މުސްލިމް އޭރިއާތަކުގައި އުޅޭ މީހުން ބުނި ގޮތުގައި ގްރޫޕްތަކުން މިސްކިތްތަކަށް ހަމަލާދީ ގެއްލުންތައް ދިނުމުގެ އިތުރުން މުސްލިމުންގެ ފިހާރަތަކަށް ގެއްލުންދީފައިވާ ކަމަށެވެ. ފުލުހުން ވެސް ބުނީ މުސްލިމުންގެ ކާރުތަކާއި ސައިކަލްތަކުގައި ރޯކޮށްލާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ފިހާރަތަކަށް ވަނީ ހަމަލާދީފައި. މިސްކިތްތަކަށް ހަމަލާދޭން ފެށުމުން އެ ގްރޫޕް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި ކަރުނަ ގޭސް ބޭނުންކޮށްފައި،" ފުލުހުންގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ލަންކާ އިން އިއްޔެ ވަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ވެސް ބަންދުކޮށްފަ އެވެ.

މިސްކިތްތަކަށް ހަމަލާ ދެނީ ކްރިސްޓިއަން ގްރޫޕްތަކުންނެވެ. ހުޅަނގު އުތުރުގެ ޗިލޯ ޓައުންގައި އާދިއްތަ ދުވަހު ހަމަނުޖެހުން ހިންގަން ފެށީ ފިހާރައެއްގެ ސޭޓް ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެންނެވެ.

"ކަލޭމެން މާގިނައިން ހީ އުފާ ނުކުރާށެވެ. އެއް ދުވަހަކުން ރޯނެ އެވެ،" މުސްލިމް ސޭޓް ފޭސްބުކްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ފޭސްބުކްގައި ޕޯސްޓްކުރި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. ކްރިސްޓިއަނުންގެ ނިސްބަތަކީ 7.6 ޕަސެންޓެވެ.