ހަމަލާ ދިން އަލް ނޫރް މިސްކިތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ޒިޔާރަތް ކުރައްވައިފި

ކްރައިސްޗާޗް (މެއި 14) - މިދިޔަ މާޗް މަހު ބަޑިން ހަމަލާދީ 50 މީހުން މަރާލި ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ޒިޔާރަތް މިއަދު ކުރައްވައިފި އެވެ.


މިސްކިތަށް ކުރެއްވި ޒިޔާރަތުގައި ގުޓަރޭޒް ވަނީ ސޯޝަލް މީޑިއާގައި އަލިފާންގަނޑެއް ގޮތަށް ފެތުރޭ ނަފުރަތުގެ ވާހަކަތަކާ ދުރުވުމަށް ގޮވާލައްވައިފަ އެވެ. ގުޓަރޭޒް ވިދާޅުވީ ނަފްރަތު އުފައްދާ ޕްލެޓްފޯމެއްގެ ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރާ ކަމަށާއި އެކަމާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށްވެ ތެދުވަން ޖެހޭ ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޓްވީޓް.

ހަމަލާ އިން ސަލާމަތްވި މީހުންނާއި މުސްލިމުން ލީޑަރުންނާ އެކު ގުޓަރޭޒް ވަނީ އަލް ނޫރް މިސްކިތުގައި ބައިގަޑިއިރު ހޭދަ ކުރައްވައިފަ އެވެ. މިސްކިތުގެ ބޭރުގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގުޓަރޭޒް ވިދާޅުވީ އަމިއްލަފުޅަށް މިސްކިތަށް ޒިޔާރަތް ކުރެއްވީ ހިތުގައި އޮތް ލޯތްބާއި ތާއީދު ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ލިންވުޑް މިސްކިތަށް ވަޑައިގެން ވެސް ހަމަލާ އިން ސަލާމަތްވި މީހުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބަޑިޖެހި މީހާ ހިފަހައްޓަން މަސައްކަތް ކުރި އަބްޒުލް އަޒީޒް ހިމެނެ އެވެ.