ހަނގުރާމަވެރި އައިއެސް ޖަމާއަތާ ގުޅެން އުޅުނުކަން ސާބިތުވި ފްރާންސްގެ ތިން މީހުން މަރަން އިރާގުގެ ކޯޓުން ހުކުމް ކޮށްފި އެވެ.
ކެވިން ގޮނޮޓް އާއި ލެނާޑް ލޮޕޭޒް އަދި ސަލީމް މާޗޫ މަރަން ހުކުމް ކުރި ނަމަވެސް 30 ދުވަހުގެ ތެރޭގައި އެ ހުކުމް އިސްތިއުނާފު ކުރުމަށް އެދުމުގެ ބާރު އެ މީހުންނަށް އޮންނާނެ އެވެ.
މިއީ ސީރިއާ އިން އަތުލައިގަތް ފްރާންސުގެ 12 މީހުންގެ ތެރެއިން ތިން މީހެކެވެ. މިއީ ފްރާންސް ބަޔަކަށް، އައިއެސްއާ ގުޅެން އުޅެގެން މަރުގެ ހުކުމް އައި ފުރަތަމަ ފަހަރެވެ.
އިރާގުގެ ކޯޓުން އިއްވި ހުކުމާ ގުޅޭގޮތުން ފްރާންސް ސަރުކާރުން މިހާތަނަށް އެއްވެސް ނުބުނެ އެވެ.
ފްރާންސްގެ 12 މީހަކާ ދެކޮޅަށް އިރާގުގައި ކުރިއަށްދާ ތަހުގީގުތަކާ ގުޅެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގެ ރައީސް އިމޭނުއަލް މެކްރޫންއާ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވެފައި ވަނީ އެއީ އިރާގުގެ އަމިއްލަ މައްސަލައެއް ކަމެވެ. އަދި އެކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް އިންކާރު ކުރެއްވި އެވެ.
މަރަން ހުކުމް ކޮށްފައިވާ ތިން މީހުންގެ ތެރެއިން އުމުރުން 32 އަހަރުގެ ކެވިން އަތުލައިގެންފައިވަނީ ތުރުކީގެ މަގުން އިޒްލޭލަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. އޭނާއާ އެކު އޭނާގެ މަންމަ އާއި އަންހެނުންގެ އިތުރުން ކޮއްކޮ ވެސް ވަނީ އަތުލައިގެންފަ އެވެ.
ލެނާޑް، 32، އަތުލައިގެންފައިވަނީ އިރާގުގެ އުތުރުން ސީރިއާ އަށް އެތެރެވާން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާއާ އެކު އޭނާގެ އަންހެނުންނާއި ދެ ދަރިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން 41،000 އަށް ވުރެ ގިނަ މީހުން އައިއެސްއާ ގުޅުމަށް ސިރިއާ އަށް ގޮސްފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުން މިހާރު ތިބީ އިރާގުގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ތެރެއިިން ބައެއް މީހުންނަށް މީގެ ކުރިންވެސް މަރުގެ ހުކުމް ވަނީ އިއްވާފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.