އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓް ހައުސްގައި
31 މެއި 2019 - 13:39
ގިނަ ބަޔަކު ހައިރާންކޮށްލާފައި އެމެރިކާގެ އިންތިހާބު 2016 ގައި ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކުރައްވާ ދުނިޔޭގެ އެންމެ ބާރުގަދަ މަގާމާ ހަވާލުވެވަޑައިގަތުމަކުން ކަންކަން ހިމޭންވީކީ ނޫނެވެ: އިންތިހާބަށް ނުފޫޒު ފޯރުވަން ޓްރަމްޕްގެ ކެމްޕޭން ޓީމާ އެކު ރަޝިޔާއިން މަސައްކަތްކުރިކަމުގެ ތުހުމަތުތަކާ އެކު، މިނިވަން ތަހުގީގަކަށް ދާން މަޖުބޫރުވި އެވެ.
އެ ތަހުގީގު ހަވާލުކުރީ އެމެރިކާގައި ޝަރުއީ އަދި ގާނޫނީ ދާއިރާގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ރޮބަޓް އެސް މުލާއާ އެވެ. އެކަމަކު ތަހުގީގު ފެށުމާ އެކު، ކުރީގެ އެއްވެސް ރައީސަކު އަމަލްނުކުރައްވާ ގޮތަށް، ޓްރަމްޕްގެ ބަހުގެ ހަމަލާތައް އަމާޒުކުރެއްވި އެވެ. އެއީ އިންތިހާބުން ބަލިވި ޑިމޮކްރެޓިކް ޕާޓީގެ މީހުންގެ ރޭވުމެއް ކަމަށް ތުހުމަތުކުރެއްވި އެވެ.
މުލާ އާއި އެ ތަހުގީގާ ގުޅުން ހުރި ކޮންމެވެސް ފަރާތަކަށް ޓްވިޓާ މެދުވެރިކޮށް ބަހުގެ ހަމަލާއެއް ނުދެއްވާ ދުވަހެއް، މިދިއަ ދެ އަހަރު ދުވަހު ނުފެނެ އެވެ. އެ ތަހުގީގަކީ ޓްރަމްޕްގެ ވެރިކަމަށް އެޅުނު އެންމެ ބޮޑު ހިޔަންޏެވެ.
މިދިއަ ދެ އަހަރުގެ ތެރޭގައި ޓްރަމްޕް ވަނީ ތަހުގީގަށް ވެސް އަދި އެ ތަހުގީގާ ގުޅުން ހުރި އެތައް ބަޔަކަށް ހުރަސްތަކެއް އަޅުއްވައިފަ އެވެ. އެކަން ގާނޫނީ ބައެއް ފަރާތްތަކުން މާނަކުރަނީ އިންސާފަށް ހުރަސް އެޅުމުގެ ގޮތުގަ އެވެ. އެއީ އެމެރިކާގެ ގާނޫނުން މަނާކުރާ ކަންކަމެވެ.
ތަހުގީގު ނިންމާ އޭގެ ރިޕޯޓް ޖަސްޓިސް މިނިސްޓްރީއާ ހަވާލުކުރުމުން އެ ތަނުން އާންމުކުރީ ހުލާސާއެކެވެ. އަދި އިންތިހާބު ކާމިޔާބުކުރަން ޓްރަމްޕްގެ ކެމްޕޭން ޓީމުން ރަޝިޔާގެ އެއްވެސް ބަޔަކާ ގުޅިފައިވާކަން ތަހުގީގަށް ސާބިތުނުވާ ކަމަށް ރިޕޯޓްގައި ވެ އެވެ. އެކަމަކު އިންސާފަށް ހުރަސް އަޅުއްވަން ޓްރަމްޕް މަސައްކަތްނުކުރައްވާ ކަމަށް، ރިޕޯޓްގައި ސީދާ ބުނެފައެއް ނެތެވެ. އެހެންކަމުން ރިޕޯޓް ނެރުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް، ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ގޮވާލީ، ރައީސްގެ މަގާމުން ޓްރަމްޕް ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ.
އެ ބަހުސް އިތުރަށް ހޫނުވީ ރިޕޯޓާ ބެހޭ ގޮތުން މުލާ ދެއްވި އަށް މިނިޓްގެ ބަޔާނުންނެވެ. އޭގައި އޭނާ އިޝާރަތްކުރެއްވީ ވެރިކަމުގައި ހުންނެވި ރައީސަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލޭނެ ފުރުސަތު ތަހުގީގީ އިދާރާތަކާއި ޝަރުއީ ދާއިރާއާ ގުޅުން ހުރި ފަރާތްތަކަށް ނެތް ކަމަށެވެ. ނަމަވެސް ކޮންގްރެސްއަށް އެކަން ކުރެވިދާނެކަމުގެ އިޝާރާތެއް އޭނާ ދެއްވި އެވެ.
ރޮބަޓް މުލާ: ގިނަ ބައެއްގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް
އެއީ އިމްޕީޗްކުރުމެވެ. ކޮންގްރެސްގައި މެޖޯރިޓީ އޮތީ ޑިމޮކްރެޓިކް ޕާޓީއަށެވެ. އެކަމަކު ސެނެޓްގެ ކޮންޓްރޯލް އޮތީ ޓްރަމްޕްގެ ޕާޓީ، ރިޕަބްލިކަންގެ އަތްމަތީގަ އެވެ.
މުލާގެ ބަޔާނާ އެކު ޓްރަމްޕް ވަނީ އޭނާގެ ޓްވީޓްތައް ވަރުދަކޮށްފަ އެވެ. މުލާގެ އަގު ވައްޓާލުމުގެ ބައި ވެސް ކުރިއަށް އެބަ ގެންދަވަ އެވެ. އެގޮތުން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރުކަން ހޯއްދަވަން މުލާ އޭނާގެ އަރިހުން އެދިވަޑައިގެންނެވި ކަމަށާއި ތަހުގީގު ރިޕޯޓަކީ އެކަން ނުކުރެއްވުމުން ފެނުނު ބަދަލުހިފުމެއް ކަމަށެވެ.
"މުލާއަކީ [ޓްރަމްޕް] ދެކެ ހިތްހަމަނުޖެހޭ މީހެއް. އޭނާ އެހާ ބޭނުންވެގެން އުޅުނު ވަޒީފާ އޭނާއަކަށް ނުލިބުނު،" ޓްރަމްޕް ވިދާޅުވި އެވެ.
އެކަމަކު މުލާއަކީ މިހާތަނަށް އެފްބީއައިގެ ޑިރެކްޓަރުކަން ދެވަނައަށް އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅެވެ. އޭނާއަކީ ދެ ޕާޓީގެ ރައީސުންގެ ފަހަތްޕުޅުގައި ވެސް، ޕްރޮސެކިއުޓަރެއްގެ ގޮތުގަ އާއި އެފްބީއައިގެ ޑިރެކްޓަރެއްގެ ގޮތުން މަސައްކަތްކުރެއްވި، ނަޒާހަތްތެރި ބޭފުޅެއް ވެސް މެ އެވެ. އެހެންކަމުން ޓްރަމްޕްގެ އެ ޓްވީޓްތަކާ މެދު ހިތްހަމަނުޖެހެނީ ހަމައެކަނި މުލާ ދަންނަ މީހުން އެކަންޏެއް ނޫނެވެ. ޓްރަމްޕްގެ އަރިސް ބައެއް ބޭފުޅުން ވެސް ތިއްބެވީ ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.
މުލާއާ މެދު ހިތްހަމަނުޖެހުމުގެ ބަސްތަކެއް ބޭރުކުރެއްވީ ރިޕޯޓާ ބެހޭ ގޮތުން އޭނާ ދެއްވި ބަޔާނަށް ފަހު އެވެ. އޭގެ ކުރިން، ރިޕޯޓްގެ އެއް ބައި، ޖަސްޓިސް މިނިސްޓްރީން ނެރުނު އިރު، ޓްރަމްޕް ކުރެއްވީ ތައުރީފެވެ. އަދި މުލާއަކީ ރަނގަޅު ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.
ރައީސް ޓްރަމްޕަކީ އެއްވެސް މީހެއްގެ މޫނަށް ބައްލަވާ ބޭފުޅެއް ނޫނެވެ. އެވަގުތަކު ބޭނުންވާ އެއްޗެއް، ފަހަށް ވިސްނެވުމެއް ނެތި ވިދާޅުވެ އެވެ.
ޓްރަމްޕް އިންސާފަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކުރެވެނީ، އެފްބީއައިއިން ކުރަން އުޅުނު ބައެއް ތަހުގީގުތައް ހުއްޓާލަން އެންގުން ފަދަ، އަދި ތަހުގީގުތަކުގައި ދޮގުހަދަން އޭނާގެ އަރިސް ބައެއް ބޭފުޅުންނަށް އެންގުން ފަދަ ކަންކަމަށެވެ.
މިއީ އިމްޕީޗްމަންޓަކަށް ދެވިދާނެ ސަބަބުތަކެކެވެ. އެހެންކަމުން ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން ފާޅުގައި އެކަމަށް ދަނީ ގޮވާލައްވަމުންނެވެ. އަދި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ހޯއްދަވަން ނުކުމެ ތިއްބެވި ބައެއް ކެންޑިޑޭޓުން ވެސް އެކަމަށް އެދިވަޑައިގަނެ އެވެ.
އެކަމަކު ސިޔާސީ ގޮތުން ޑިމޮކްރެޓިކް ޕާޓީއަށް ގެއްލުމެއް ލިބިދާނެތީ އެކަންކުރުމުގެ ވިސްނުމެއް ކޮންގްރެސްގައި ޕާޓީ ތަމްސީލްކުރައްވާ އިސް ލީޑަރުންގެ އަދި ނެތެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮންގްރެސް އިން ޓްރަމްޕް އިމްޕީޗުކުރިޔަސް ސެނެޓުން އެކަން ފެއިލްކޮށްލާނެ އެވެ.
އެއް ކަމެއްގައި ދެ ގޮތަކަށް ޓްވީޓްކުރެއްވުމަކީ ޓްރަމްޕްގެ އާދައެކެވެ. އެގޮތުން އެއް ޓްވީޓެއްގައި އޭނާ ވިދާޅުވީ "އަޅުގަނޑު އިންތިހާބުކުރަން ރަޝިޔާ އިން އެހީތެރިވުމުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ނޯންނާނެ" ކަމަށެވެ. މިއިން ދޭހަވަނީ ސީދާ ޓްރަމްޕާ އެކަމާ ގުޅުމެއް ނެތަސް، ސޯޝަލް މީޑިއާ އާއި އެހެން ވަސީލަތްތައް މެދުވެރިކޮށް އިންތިހާބަށް ނުފޫޒު ފޯރުވަން ރަޝިޔާ އިން ކަންތައްތަކެއް ހިންގި ކަމަށް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ބުނާ ވާހަކަ ޓްރަމްޕް ގަބޫލުކުރައްވާ ކަމެވެ.
އެކަމަކު އެ ޓްވީޓްކުރެއްވިތާ ބައިގަޑިއެއްހާ އިރު ފަހުން ވައިޓް ހައުސްގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "އަޅުގަނޑު އިންތިހާބުކުރަން ރަޝިޔާ އިން އެއްވެސް އެހީއެއް ނުވާ" ކަމަށެވެ.
"ކަލޭމެންނަށް އެނގޭތަ ކާކުކަން އަޅުގަނޑު އިންތިހާބުކުރީ؟" އެ ސުވާލުކުރެއްވުމަށް ފަހު ދެން ވިދާޅުވީ އޭނާ އިންތިހާބުވީ އޭނާ ކުރެއްވި މަސައްކަތުން ކަމަށެވެ.
"އެއްވެސް ގޮތަކުން ރަޝިޔާ އިން އަޅުގަނޑަކަށް އެހީއެއްނުވޭ. ރަޝިޔާ އިން އެހީވެފައިވާ ނަމަ އެ އެހީއެއްވީ އަނެއްކޮޅު މީހުންނަށް،" ޑިމޮކްރެޓިކް ޕާޓީގެ ނަން ނުގެންނަވައި، ޓްރަމްޕް ވިދާޅުވި އެވެ.
ރަޝިޔާއާ އެކު ޓްރަމްޕް ގެންގުޅުއްވަނީ ވަރަށް ކައިރި ގުޅުމެކެވެ. ރަޝިޔާ އިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވީ، އެމެރިކާގެ ރަސްމީ ބައެއް ފަރާތްތަކުން ތަކުރާރުކޮށް ބުނެފައިވާ ގޮތުގައި، ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަން ދެކެ އަންނަ ރުޅީގަ އެވެ.
އިމްޕީޗްކުރުމުގެ ކޮންމެ މަސައްކަތެއް ވެސް ޓްރަމްޕަށް ވާނީ ވަރަށް ބޮޑު ކަމަކަށެވެ. މިހާތަނަށް އިމްޕީޗްމެންޓާ ގުޅިގެން އެމެރިކާގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ނިކްސަން އެކަންޏެވެ. ބިލް ކްލިންޓަންގެ އިމްޕީޗްމަންޓެއް ވެސް ކުރިއަށް ގެންދަން އުޅުނެވެ. އެކަމަކު ޒުވާން އަންހެނަކާ އެކު ޖިންސީ ގުޅުން ބޭއްވި މައްސަލާގައި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމުން، އެކަން ހުއްޓާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދު
03 June 2019
ބިލްކްލިންޓަންގެ އިންޕީޗްމެންޓް ކުރިއަށްދިޔަ. 2 ކުށަކަށް ވޯޓަށް އަހާ , އެމެރިކާގެ ސެނެޓުން ފާސްނުވީ އެއިން އެއްވެސް ކުށަކަށް މަގާމުން ދުރުކުރަން ބޭނުންވާ 51 ވޯޓް ހަމަނުވެގެން.
ސޭމް
02 June 2019
ލޮލް. ޓްރަމްޕް ގާސިމް ސޭމް ސޭމް.
އާބިދާ
01 June 2019
ރާއްޖޭގެ މަޖިލިސް ރައީސެއްވެސް އެބައުޅޭ ޓްރަމްޕް ކަހަލަ. އެބޭފުޅާގެ މުޅި ފެމިލީ ވެރިކަމުގެ ނިޒާމުގަ.
އިމިގްރެންޓުން
31 May 2019
އެމެރިކާގެ ރައީސް ޓްރަމްޕް އަކީ އެއީ އެމެރިކާ މީހުން ގެ ޑައިލޮގް ހުންނަ ގޮތުން ކިޔާނީ މރ. ޕްރެޒިޑެންޓްއޭ އަދި ވެސް އެއީ މރ. ޕްރެޒިޑެންޓޭ ދެން އޮތީ އެންމެ އަހަރެކޭ ދެން އަންނަ އިންތިޚާބުގައި ޓްރަމްޕް ވާދަ ކުރާނެއޭ އެ ރޭހުގައި ޑިމޮކްރެޓުން ކުރި ހޯދަންވީ އެމެރިކާގެ ރައީސް ކަމުގައި ޓްރަމްޕް ހޭދަ ކުރާ ދުވަސް ތަކުގައި އެކަކަށް ވެސް ނުކުރެވުނު ކަމެއް ކަމަށްވާ މެކްސިކޯ ބޯޑަރ ފާރު ރާނަން ޓްރަމްޕް އެކުރައްވާ މަސައްކަތް އެއީ އެމެރިކާ އަށް އިލީގަލް
މައިސަން
31 May 2019
"ބިލް ކްލިންޓަންގެ އިމްޕީޗްމަންޓެއް ވެސް ކުރިއަށް ގެންދަން އުޅުނެވެ. އެކަމަކު ޒުވާން އަންހެނަކާ އެކު ޖިންސީ ގުޅުން ބޭއްވި މައްސަލާގައި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމުން، އެކަން ހުއްޓާލީ އެވެ." އޮޅޭ ގޮތަށް ނުލިޔެބަލަ!މައްސަލައަކީ އެ ގުޅުމެއްނޫން. އެކަމާ މެދު ކްލިންޓަން ދޮގު ހެދުން. ދޮގުހެކި ދިނުމަކީ ރައީސް އިމްޕީޗުކުރެވޭ ކުށެއް.
ދިސްވޭއޭ
31 May 2019
ޓްރަމްޕަށް ވެގެން އުޅޭ ގޮތް މަމެން ބަލަން ބޭނުމެއް ނޫނޭ އެކަމަކު ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް ފައިދާ ހުރި އަދި އެމެރިކާ ރައްޔިތުން ބަލައިގަންނަ ވެރިކަމެއް ކަން އެއީ ފެންނާން ހުރި ހަގީގަތަކީ..
މުލޭ
31 May 2019
ޓްރަމްޕަށް ވެގެން އުޅޭގޮތަކީ ހިސާބަށްވުރެ ބޯގޯސްވީ، މޮޔަ ބޮޑުވީ.
މޮޑަފްް
31 May 2019
މޮޔައެއްގެ އަތަށް ކަނޑިއެއްދީގެން އެމެރިކާނުން ތިޔައުޅެނީ. އެކަމަކު އެންމެ ތަހުޒީބުވެފަ ތަންދޮރުފިލާ ރައްޔިތުންނޯ. ވެރިކަމުން ފޭބިޔަސް ތީނަގެ ސަކަރާތުން ދެން އެމެރިކާ މިންޖެއްނުވާނެ.