ބޮމުގެ ހަމަލާ އަށް ފަހު ލަންކާގެ ޝަންގްރިއްލާ ހުޅުވަނީ

އޭޕްރީލް މަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތައް އަމާޒުވި ޝަންގްރިއްލާ ހޮޓާ މިއަދު އަލުން ހުޅުވާނެ ކަމަށް އިއުލާނުކޮށްފި އެވެ.


އޭޕްރީލް 21 ގައި ލަންކާގެ ފައްޅިތަކުގެ އިތުރުން ތިން ހޮޓަލަކަށް ވެސް ހަމަލާ ދިނެވެ. އޭގެ ތެރެއިން ޝަންގްރިއްލާ އަކީ އެންމެ ބޮޑަށް ގެއްލުންވި އެއް ތަނެވެ. ހަމަމާތައް އަމާޒުވި އަނެއް ދެ ހޮޓާ ވެސް އަލުން ހުޅުވާފައި ވާއިރު ޝަންގްރިއްލާގެ ގިނަ ސެކްޝަންތައް ވަނީ ގެއްލުމުގެ ސަބަބުން ބަންދުކޮށްފަ އެވެ.

ޝަންގްރިއްލާ އިން ބުނީ މިއަދު އިރުއޮއްސި 6:00 އިން ފެށިގެން، ހޮޓަލުގެ އެންމެ މަގުބޫލު ރެސްޓޯރަންޓް ކަމަށްވާ ޗަފާޔާ ލައުންޖާއި ކެޕިޓަލް ބާ އެންޑް ގްރިލް ވެސް ހުޅުވާނެ ކަމަށެވެ. އަދި މި މަހުގެ 15 އިން ފެށިގެން ސްޕާގެ ހިދުމަތް ވެސް އަލުން ލިބޭނެ ކަމަށް ބުންޏެވެ.

ޝަންގްރިއްލާ އިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތަކަށް ފަހު ލަންކާ އާއި އެހެން ގައުމުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި ބިރުވެރި ހަމަލާގެ ތެރޭގަ އާއި އޭގެ ފަހުން ވެސް ހޮޓަލުގެ މުވައްޒަފުންގެ ފަރާތުން ފެނުނީ ހިތްވަރު ކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވެ ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

މިއަދު އަލުން ހިދުމަތްތައް ފަށާއިރު އެންމެ ފުރަތަމަ ލިބޭ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށެވެ. އެގޮތުން ހުރިހާ ފައިސާއެއް ޑަޔަލޮގް ފައުންޑޭޝަނަށް ދޭން ވަނީ ނިންމައިފަ އެވެ.

ލަންކާގެ ނެޝަނަލް ތައުހީދު ޖަމާއަތުގެ ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވި އެވެ. ހަމަލާތަކަށް ފަހު ލަންކާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފަ އެވެ. ހަމަލާ ދިން ޖަމާއަތާ ގުޅުން ހުރި ކަމަށް ބެލެވޭ އެތައް ސަތޭކަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ލަންކާ އިން ބުނަނީ ހަމަލާތަކަށް ފަހު ގައުމު މިހާރު އަމާން ކަމަށާއި އެ ގައުމަށް ޒިޔާރަތްކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.