ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަދި އީރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއި
12 ޖޫން 2019 - 12:07
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއްސުރެ އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެފައި ވަނިކޮށް، އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އީރާނަށް ދަތުރެއް ފައްޓަވައިފި އެވެ.
މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ޖަޕާނުގެ ވެރިޔަކު އީރާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އަބޭ އީރާނަށް ކުރައްވާ ދަތުރުގެ މުހިއްމު އެއްް ބޭނުމަކީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާ ހެދި އެގައުމާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަަށް މަސަައްކަތް ކުރެއްވުމެވެ. ނަމަވެސް އޭނާގެ ދަަތުރުން މާ ރަނގަޅު ނަތީޖާއެއް ހޯއްދެވިދާނެ ކަމަކަށް ދިރާސާކުރާ ފަރާތްތަކުން ލަފައެއް ނުކުރެ އެވެ.
އަބޭ އީރާނަށް ކުރައްވާ ދަތުރުގައި އެގައުމުގެ ރައީސް ހަސަން ރޫހާނީ އާއި ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ އެވެ.
މި އަހަރަކީ ޖަޕާނާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 90 އަހަރު ފުރޭ އަހަރެވެ. އެއަށް ވުރެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ދަތުރު މި ފެއްޓެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަޕާނަށް ކުރެއްވި ދަތުރު ހަމަ ނިންމަވާލެއްވިތަނާ ކަމެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އޮންނަ ނުތަނަވަސްކަން މިފަހަރު ބޮޑުވެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވާ ދަރަަޖައަށް ދިޔައީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވަން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުން އެ ގައުމާ އެކު ގާއިމްކުރި މުއާހަދާއަކުން އެމެރިކާ ވަކިވުމުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުުގައި ގާއިމްކުރި އެ މުއާހަދާއިން ވަކިވެ، އީރާނަށް ދަތިކުރުމުގެ ފިިޔަވަޅުތައް އަލުން އެޅީ މިހާރުގެ ރައީސް ޓްރަމްޕެވެ.
އަބޭގެ ދަތުރުގައި މަސައްކަތް ކުރައްވާނެ ކަަމަށް ބެލެވޭ ކަމަކީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކޮށް ދެ ގައުމުގެ ދެމެދު މަޝްވަރާތައް ފެށޭތޯ މަސައްކަތް ކުރެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
12 June 2019
މީ ޖަޕާނު ސަޅިތަންކޮޅަކީ.
ސަޒަން
13 June 2019
ކޮބާ ސަޅިވެފައި އެމެރިކާއަކީ އެންމެ ބޮޑު ޓެރަރިސްޓް އެމީހުނާ ގުޅިގެން ޓެރަރަިސްޓުންގެ ބަހައްހެއްލި މުޅި ދުނިޔެ ފަސާދަކުރަން ޖަޕާން އުޅުމަކީ ސަޅިވުންތަ؟؟؟ އެމެރިކާ ހުރިހާކަމެއްކޮށް މުޅި މެދުއިރުމަތި ހަލާކުކުރަނީ އެމީހުންގެ ނަހަލާލްދަރި އިޒްރޭލް ހިމާޔަތްކުރަން ހުރިހާ އިސްލާމި ގައުމުތައް ފުޑާލަނީ ހަމަ އެކަނި އިޒްރޭލައްޓަކައި ތިބުނާގޮތުން ސައިތޯނާއާ އޭނަޔާ ގުޅިގެން އުޅޭ މީހުންނަކީވެސް ސަޅި ބައެއް!