ލަންކާގައި ހަމަލާ ދިން މީހުންނަށް ޖާސޫސީ އިދާރާ އިން މުސާރަ ދިން ކަމަށް ބުނެފި

މިދިޔަ އޭޕްރީލް މަހު ސްރީ ލަންކާގައި ބޮމުގެ ހަމަލާތައް ދިން މީހުންނަށް އެ ގައުމުގެ ޖާސޫސީ އިދާރާ އިން މުސާރަ ދެމުން އައި ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ ތަހުގީގަށް ހާޒިރުކުރި މުސްލިމުންގެ އިސް ލީޑަރަކު ވިދާޅުވެއްޖެ އެވެ.


ވެސްޓާން ޕްރޮވިންސްގެ ގަވަރުނަރުކަމުގެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވި އަޒަތު ސާލީ ތަހުގީގަށް ދެއްވި ބަޔާނުގެ ހުލާސާއެއް އާންމުކޮށްފައި ވާއިރު، އޭޕްރީލް 21 ގައި ފައްޅިތަކާއި ހޮޓާތަކުގައި ބޮން ގޮއްވި ނެޝަނަލް ތައުހީދު ޖަމާއަތާއި އެ ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމީއާ މެދު ފިޔަވަޅު އަޅައިދިނުމަށް މާކުރިން ވެސް ރައީސް މައިތިރްޕަލާ ސިރިސޭނާގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގެން ކަމަށް ބުނެފައިވެ އެވެ.

ތައުހީދު ޖަމާއަތުން ދިން ހަމަލާތަކުގައި 258 މީހަކު މަރުވެފައިވެ އެވެ. މި ހަމަލާތައް ދޭން އުޅޭކަން ޖާސޫސީ އިދާރާ އަށް ކުރިން އެނގި ފިޔަވަޅެއް އަޅާފައި ނެތުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

"ތައުހީދު ޖަމާއަތަށް ޑިފެންސް މިނިސްޓްރީން ހަރަދުކުރި. ފުލުހުން މަސައްކަތްކުރީ ތައުހީދު ޖަމާއަތާ ގުޅިގެން ވަރަށް ގާތުން،" ސާލީ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، 2015 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ތައުހީދު ޖަމާއަތަށް އަސްކަރީ ޖާސޫސީ އިދާރާގެ ތެރެއިން ފައިސާ ހަރަދުކުރަން ފެށި ކަމަށާއި އެކަން ނުހުއްޓި އާ ސަރުކާރުގައި ވެސް ކުރިއަށް ދިޔަ ކަމަށެވެ. މިކަން ކުރީ ދީނީ އެހެން ޖަމާއަތްތަކަށް ޖާސޫސްކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސަތު ސާލީ މަޖިލީހުގެ ކޮމިޓީގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ

ސާލީ ވިދާޅުވި ގޮތުގައި އޭޕްރީލް މަހު ހަމަލާ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، ތައުހީދު ޖަމާއަތާ ގުޅޭ ގޮތުން އިންޒާރު ދީފައި ވާނެ ކަމަށެވެ. ސާލީ ވިދާޅުވި ގޮތުގައި ހަމަ އެކަނި އެ މައުލޫމާތަށް ބިނާކޮށް ފިޔަވަޅު އެޅި ނަމަވެސް ހަމަލާތަކުން ސަލާމަތް ވެވުނީހެވެ.

ގާނޫނު ހަދާ މަޖިލީހުން ތަހުގީގު ކުރިޔަސް ރައީސް ސިރިސޭނާ ވަނީ އެކަމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަޖިލީީހުން މި ތަހުގީގަށް ނެގި ކޮމިޓީގެ އެންގުންތަކަށް ތަބާ ނުވާ ނަމަ ގިނަވެގެން 10 އަހަރަށް ޖަލަށް ލުމުގެ އަދަބު ދިނުމުގެ ބާރު އޮންނާނެ ކަމުގެ އިންޒާރު މަޖިލީހުން ވަނީ ސަލާމަތީ ބާރުތަކާއި ސިވިލް ސާވަންޓުންނަށް ދީފަ އެވެ.