ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސިރިސޭނާ ސޮއިކުރައްވައިފި

ކޮލަމްބޯ (ޖޫން 26) - ޑްރަގުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހަތަރު މީހެއްގެ އަދަބު ތަންފީޒް ކުރުމުގެ އަމުރުގައި މިއަދު ސޮއި ކުރައްވާފައިވާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ސިރިސޭނާ ވިދާޅުވީ 42 އަހަރަށް ފަހު މަރުގެ އަދަބު ދޭން ފަށަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމަށެވެ.

"ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސޮއިކޮށްފިން. އެ ހަތަރު މީހުންގެ ނަންތައް އަދި ހާމަކުރެވޭކަށް ނެތް. ނަންތައް ހާމަކޮށްފި ނަމަ ޖަލުގައި ވަރަށް ބޮޑު ހަމަނުޖެހުމެއް ހިންގާނެ،" ރަސްމީ ގެކޮޅުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒް ކުރާނެ ތާރާޚެއް ސިރިސޭނާ ވިދާޅެއް ނުވެ އެވެ. އެމަނިކުފާން ވިދާޅުވީ "ވަރަށް އަވަހަށް" އެކަން ކުރައްވާނެ ކަމަށެވެ.

ސިރިސޭނާ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒް ކުރަން ސިރިސޭނާ ބޭނުންފުޅުވީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 200،000 މީހުން ލަންކާގައި އެބަތިބި ކަމަށާއި ލަންކާގެ ޖަލުތަކުގައި އާބާދީގެ 60 ޕަސެންޓަކީ ޑްރަގާ ގުޅޭ ކުށްވެރިން ކަމަށެވެ.

މަރުގެ އަދަބު ތަންފީޒް ކުރުމުގެ ލިޔުމުގައި ސިރިސޭނާ ސޮއިކުރައްވާފައި މި ވަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްނެސްޓީން ބަޔާނެއް ނެރުނުތާ އެއް ދުވަސް ފަހުންނެވެ.

"މަރުގެ އަދަބު ދިނުން ލަންކާ ރައީސް ސިރިސޭނާ ވަގުތުން ހުއްޓާލަން ޖެހޭ،" އެމްނެސްޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަން ފަށަނީ 40 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.

މަރުގެ އަދަބު ތަންފީޒް ކުރާއިރު ލަންކާ އިން ރަސްމީކޮށް އަދި ޖައްލާދެއް ކަނޑައަޅައިފައެއް ނުވެ އެވެ.

ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.