ޖަކާޓާ (ސެޕްޓެމްބަރު 11) - މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ގެންގުޅުއްވާ ހަރުކަށި ސިޔާސަތަކީ ނަމޫނާއެއް ކަމަށާއި އިންޑޮނީޝިއާ އިން ވެސް އެގޮތަށް ކަންތައް ކުރުމަށް އެ ގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އެޖެންސީގެ ވެރިޔާ ބުޑީ ވަސެސޯ ވިދާޅުވެއްޖެ އެވެ.
ވަސެސޯ ވަނީ ޑުޓާޓެ އަށް ތައުރީފް ކުރައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ދުނިޔޭގައި ބޭތިއްބުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ފިލިޕީންސްގެ ވެރިކަމަށް ޑުޓާޓެ ވަޑައިގަތުމަށް ފަހު މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަހަދާ ނަމަ ބަޑި ޖެހުމަށް ފުލުހުންނަށް ވަނީ އަންގައިފަ އެވެ. ވަނަމެއްގެ ގޮތުގައި "އަދަބުދޭ މީހާ"ގެ ނަމުން މުޚާތަބު ކުރާ ޑުޓާޓެގެ މި ފިޔަވަޅުތަކަށް އެމެރިކާ އާއި އދ. އިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އިންޑޮނީޝިއާ އަކީ ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި އަދަބުތައް ދޭ ގައުމެކެވެ. މީގެ ތެރޭގައި މަރުގެ އަދަބު ދިނުން ވެސް ހިމެނެ އެވެ.
އިންޑޮނީޝިއާގެ އެންޓި ނާކޮޓިކްސް އެޖެންސީގެ ވެރިޔާ ވަސެސޯ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމަ އިންޑޮނީޝިއާ އިން ވަރުގަދަ ކުރާނެ ކަމަށެވެ.
"މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ދުނިޔޭގައި ބޭތިއްބުމުގެ ބޭނުމަކީ ކޮބާ؟ އެ މީހުންގެ ސަބަބުން އެތައް ބަޔަކު ދަނީ މަރުވަމުން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މެއި މަހު ޑުޓާޓެ ވެރިކަމަށް ވަޑައިގެންނެވި ފަހުން ފިލިޕީންސް އިން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 2،400 މީހުން މަރައިފަ އެވެ. އިންޑޮނީޝިއާ އިން ވެސް ޖުލައި މަހު ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ހަތަރު މީހަކަށް މަރުގެ އަދަބު ދީފަ އެވެ.