މަރުގެ އަދަބުގެ މައްސަލާގައި ސިރިސޭނާގެ ހަމަލާތައް އދ. އަށް

ކޮލަމްބޯ (ޖުލައި 2) - ސްރީ ލަންކާގައި މަރުގެ އަދަބު ދޭން އުޅޭތީ އެކަން ނުކުރުމަށް އެދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ކުރެއްވި ފޯން ކޯލަށް ދެކޮޅު ހައްދަވާފައިވާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


"ސެކްރެޓަރީ ޖެނެރަލް އަށް އަޅުގަނޑު ދެންނެވިން މި އުޅެނީ މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް ކަމަށް،" ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވި އެވެ. "ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ އަމުރުގައި އަޅުގަނޑު ސޮއިކުރުމުން، މިދިޔަ ހަފުތާގައި ގުޓަރޭޒް ވަނީ އަޅުގަނޑަށް ގުޅުއްވާފައި. އަޅުގަނޑު ދެންނެވިން މި ގައުމު މަސްތުވާތަކެތިން ސަލާމަތް ކުރުމަށް ފުރުސަތު ދެއްވާށޭ."

ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސޮއިކުރެއްވި ނަމަވެސް އެ މީހުންގެ ނަންތަކާއި އަދަބު ދޭނެ ތާރީޚެއް ސިރިސޭނާ ހާމަކުރައްވައިފައެއް ނުވެ އެވެ.

ސިރިސެނާ ވަނީ ސްރީ ލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޔޫރަޕިއަން ޔޫނިއަން އިން ވަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި މަރުގެ އަދަބު ތަންފީޒް ކުރާ ނަމަ ޓެކްސް ބޮޑުކުރާނެ ކަމުގެ އިންޒާރު ޔޫރަޕުގެ ޑިޕްލޮމެޓުން ދީފައިވާ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ.

"އީޔޫ އިން އަންގާފައި ވަނީ މަރުގެ އަދަބު ދޭ ނަމަ ޖީއެސްޕީ ޕްލަސް (ޓެކްސް އަށް ދޭ ލުއި) އުވާލާނެ ކަމަށް. މިއީ ގައުމެއްގެ މިނިވަން ކަމަށް އަރައިގަތުން،" ސިރިސޭނާ ވިދާޅުވި އެވެ. "މިއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން."

ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު ހަދާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ. އަދި ޕާލަމެންޓުގެ ގިނަ މެންބަރުން ވެސް އެކަމާ ދެކޮޅު ކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފަ އެވެ.

ލަންކާގައި މަރުގެ އަދަބު ދޭން އުޅޭތީ، އަދަބު ތަންފީޒް ކުރުމާ ދެކޮޅަށް ކޯޓް އޮފް އެޕީލް އަށް ހުކުރު ދުވަހު ވަނީ ދެ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 200،000 މީހުން ލަންކާގައި އެބަތިބި ކަމަށާއި ލަންކާގެ ޖަލުތަކުގެ އާބާދީގެ 60 ޕަސެންޓަކީ ޑްރަގާ ގުޅޭ ކުށްވެރިން ކަމަށެވެ.

ސިރިސޭނާގެ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒް ކުރަން ރައީސް ބޭނުންފުޅު ވަނީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ، މީގެ 43 އަހަރު ކުރިން، 1976 ވަނަ އަހަރު އެވެ.

ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.