ކޮންގްރެސްގެ ލީޑަރުގެ މަގާމުން ރާހުލް އިސްތިއުފާ ދެއްވައިފި

ނިއު ދިއްލީ (ޖުލައި 3) - އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރުގެ މަގާމުން ރާހުލް ގާނދީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


ޓްވިޓާ މެދުވެރި ކުރައްވައި ރާހުލް އާއްމު ކުރެއްވި ބަޔާނެއްގައި ވަނީ މި އަހަރުގެ އާއްމު އިންތިޚާބުގައި ކޮންގްރެސް ޕާޓީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވެފަ އެވެ.

"ޕާޓީގެ ކުރިމަގަށް ބަލާއިރު ޒިންމާދާރު ކުރުވުމަކީ ވަރަށް މުހިންމު ކަމެއް. އެ ސަބަބަށްޓަކައި އަޅުގަނޑު އިސްތިއުފާ ދިނީ،" ރާހުލް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ނެހްރޫ-ގާނދީ ދަރިކޮޅުން ވަޑައިގަންނަވާ ހަތަރު ވަނަ ބޮޑު ވަޒީރަށް ވެވަޑައިގަތުމުގެ އުއްމީދުގައި ހުންނެވި އުމުރުން 49 އަހަރުގެ ރާހުލް އަށް ޕާޓީގެ ލީޑަރުގެ މަގާމު ލިބިވަޑައިގެންނެވީ ޑިސެމްބަރު 2017 ގަ އެވެ.

އެޕްރީލް-މެއި މަހު ބޭއްވި އާއްމު އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ރާހުލް ވިދާޅުވެފައި ވަނީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު ޕާޓީގެ އިސް ފަރާތްތަކުން ވަނީ ރާހުލް އިސްތިއުފާ ނުދެއްވުމަށް ބާރު އަޅުއްވައިފަ އެވެ.

އިންޑިއާ އަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެ ގައުމުގެ ސިޔާސީ މަސްރަހުގައި ކޮންގްރެސް ޕާޓީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު އެ ޕާޓީގެ ނަން ވަނީ ފަނޑުވެފަ އެވެ.

އެންމެ ފަހުން ނިމުނު އާއްމު އިންތިޚާބުގައި ޕާލަމެންޓުގެ ދަށު ގޭގެ 543 ގޮނޑީގެ ތެރެއިން ކޮންގްރެސް ޕާޓީ އަށް ލިބުނީ 52 ގޮނޑި އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ 303 ގޮނޑި ކާމިޔާބުކޮށް ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ.

ކޮންގްރެސް ޕާޓީގެ ނުފޫޒް ޒަމާންތަކެއް ވަންދެން އޮތް އުއްތަރަ ޕްރަދޭޝްގެ އަމެތީގެ ގޮނޑި ވެސް ރާހުލް އަށް މި ފަހަރު ވަނީ ގެއްލިފަ އެވެ. ނަމަވެސް ދެ ވަނަ އަށް ވާދަކުރެއްވި ދެކުނު އިންޑިއާގެ ގޮނޑި ރާހުލް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.

ރާހުލް ގާނީ އާއި މަންމާފުޅު ސޯނިއާ. --ފޮޓޯ:އޭއެފްޕީ

ބޮޑު ނާކާމިޔާބީ އަށް ފަހު ރާހުލް ވަނީ ބީޖޭޕީގެ ޓެކްޓިކްސް އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ރާހުލް ވިދާޅުވީ އިންޑިއާގެ މީޑިއާ އާއި ޖުޑީޝަރީ އަދި އިލެކްޝަންސް ކޮމިޝަން އޮތީ އިދިކޮޅު ޕާޓީއާ ދެކޮޅަށް ކަމަށެވެ.

"މި އަހަރުގެ އިންތިޚާބުގައި ވާދަކުރަން ޖެހުނީ ސިޔާސީ ޕާޓީއަކާ ނޫން. އޭގެ ބަދަލުގައި ވާދަކުރަން ޖެހުނީ ދައުލަތުގެ މުޅި މެޝިނަރީއާ ދެކޮޅަށް،" ރާހުލް ވިދާޅުވެފައިވެ އެވެ.

ގައުމުގެ ފޭރާން ވީދާލުމަށް ބީޖޭޕީން މަސައްކަތް ކުރަމުންދާ ކަމަށް ރާހުލް ތުހުމަތު ކުރެއްވި އެވެ. އަދި އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ބީޖޭޕީއާ މެދު އަޅުގަނޑުގެ އެއްވެސް ރުޅިވެރިކަމެއް ނެތް. އެކަމަކު އިންޑިއާއާ މެދު އެ މީހުން ގެންގުޅޭ ވިސްނުމަށް އަޅުގަނޑުގެ ހަށިގަނޑުގެ ދިރިހުރި ކޮންމެ ސެލްއެއް ދެކޮޅު ހަދާ،" ރާހުލް ވިދާޅުވި އެވެ.

ހިންދޫ ނޭޝަނަލިސްޓް ބީޖޭޕީން ދީނީ ހަމަނުޖެހުމަށް މަގު ފަހިކުރާ ކަމަށް ބުނެ އެ ޕާޓީ އަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެކަމަކު ބީޖޭޕީން އެކަން ދޮގުކޮށް ބުނެފައި ވަނީ ހުރިހާ ދީންތަކެއްގެ މީހުންނާ މެދު ވެސް ހަމަހަމަކޮށް ކަންތައް ކުރާ ކަމަށެވެ.

އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގެ 80 ޕަސެންޓަކީ ހިންދޫންނެވެ. އެކަމަކު އިންޑިއާގައި ގިނަ އަދަދެއްގެ މުސްލިމުންނާއި ކްރިސްޓިއަނުން އަދި ބުޑިސްޓުން ވެސް ދިރިއުޅެ އެވެ.

ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަކީ ރާހުލްގެ މަންމާފުޅު، އިޓަލީ އަށް އުފަން ސޯނިއާ ގާނދީ އެވެ. ކޮއްކޯފުޅު ޕްރިޔަންކާ ގާނދީ ވެސް ވަނީ މި އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި މުހިންމު ރޯލެއް އަދާކުރައްވައިފަ އެވެ.