އެމެރިކާގެ އަސްކަރީ އެއްބަސްވުމަށް ސިރިސޭނާ ދެކޮޅު ހައްދަވައިފި

ކޮލަމްބޯ (ޖުލައި 7) - އެމެރިކާ ސިފައިން ލަންކާގެ ބަނދަރުތައް ހިލޭ ބޭނުން ކުރުމުގެ އަސްކަރީ އެއްބަސްވުމަށް ދެކޮޅު ހައްދަވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ލަންކާ އާއި އެމެރިކާގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ ގޮތުން ދަނީ ސްޓޭޓަސް އޮފް ފޯސަސް އެގްރީމެންޓް (ސޯފާ)އާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންނެވެ. މި އެއްބަސްވުމުގެ މައްސަލައިގައި ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ.

"ލަންކާގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ އެއްވެސް އެއްބަސްވުމަކަށް އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭނެ. މިހާރު މަޝްވަރާ ކުރަމުންދާ ބައެއް އެއްބަސްވުންތަކަކީ ގައުމަށް ނުރައްކަލެއް،" ލަންކާގެ ދެކުނުގައި ބޭއްވި ބައްދަލުވުމެއްގައި ސިރިސޭނާ ވިދާޅުވި އެވެ. "ގައުމަށް ޣައްދާރުވުމުގެ ގޮތުން ސޯފާ އެއްބަސްވުމުގައި އަޅުގަނޑު ސޮޔެއް ނުކުރާނަން. ބޭރުގެ ބައެއް ގައުމުތަކުން ބޭނުންވޭ ސްރީ ލަންކާ އަކީ އެ މީހުންގެ މަރުކަޒަކަށް ހަދަން. އެ މީހުން ލަންކާ އަށް އައިސް މި ގައުމުގެ މިނިވަންކަމާ ކުޅެން އަޅުގަނޑެއް ފުރުސަތެއް ނުދޭނަން."

ސޯފާ އެއްބަސްވުމުގެ ދަށުން ލަންކާގެ ބަނދަރުތައް އެމެރިކާ ސިފައިންނާއި އުޅަނދުތަކަށް ބޭނުން ކުރެވެ އެވެ.

ސިރިސޭނާ ވިދާޅުވީ އެމަނިކުފާން ވެރިކަމުގައި ހުންނެވިހާ ދުވަހަކު ގައުމީ މަސްލަހަތަށް ނުރައްކާވާ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ ކަމަށެވެ. ސިރިސޭނާގެ ރިޔާސީ ދައުރު އަންނަ ޖެނުއަރީ މަހު ހަމަވާނެ އެވެ.

އަސްކަރީ އެއްބަސްވުމުގައި ސޮއި ކުރަން ބާރުއަޅާ ފަރާތްތަކުގެ ނަން ސިރިސޭނާ ވިދާޅެއް ނުވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާ އިން ވަނީ މެރިޓައިމް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ލަންކާ އަށް 39 މިލިއަން ޑޮލަރު ދޭނެކަން އިއުލާންކޮށްފަ އެވެ. ލަންކާގައި އެމެރިކާގެ ބައިވެރިވުން ބޮޑު ކުރަމުންދާ އިރު ޗައިނާ އިން މިހާރު ވަނީ ލަންކާގެ އުތުރުގެ ހަމްބަންޓޯޓާ ބަނދަރާ ހަވާލުވެފަ އެވެ. ޗައިނާ އިން ވަނީ ލަންކާގައި މަގު ހެދުމާއި ބަނދަރު ހެދުން ފަދަ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫތައް ހިންގައިފަ އެވެ.