ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭއެފްޕީ
08 ޖުލައި 2019 - 22:39
އިސްލާމްއާބާދު (ޖުލައި 8) - މި މަހު ފަހުކޮޅު އެމެރިކާ އަށް ކުރައްވާ ދަތުރުގައި ބޭނުން ވަނީ ޕާކިސްތާން ސަފީރުގެ ގެކޮޅުގައި ހުންނެވުމަށް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރައްވަން ބޭނުން ވަނީ ޕާކިސްތާނުގެ އިގްތިސާދު ހީނަރުވެފައިވާތީ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެމެރިކާ އަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓާ ބަޔަކީ ޔޫއެސް ސީކްރެޓް ސާވިސް ކަމަށްވެފައި އެ މީހުން އެ ގޮތަށް ރުހޭނެކަން ނޭނގޭ ކަމަށް ޑޯން ނޫހުން ވަނީ ބުނެފަ އެވެ.
އެމެރިކާ އަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން އާއްމުކޮށް ތިއްބަވަނީ ވައިޓް ހައުސްއާ ކައިރީގައި ހުންނަ ފޯ ސީޒަންސް، ރިޒް ކާލްޓަން އަދި ވިލާޑް އިންޓަ-ކޮންޓިނެންޓަލް ފަދަ ހޮޓާތަކުގަ އެވެ.
ޕާކިސްތާނުގެ ސަފީރުގެ ގެކޮޅު ހުންނަނީ ވޮޝިންޓަނުގެ ޑިޕްލޮމެޓިކް އޭރިއާގަ އެވެ. ސަފީރުގެ ގެކޮޅުގައި އިމްރާން ޚާން ހުންނަވާ ނަމަ، ގިނަ އޮފީސްތައް ހުންނަ އެ ސަރަހައްދުގެ ޓްރެފިކް ބަންދުކުރަން ޖެހުމުން ދަތިތައް ކުރިމަތިވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ވައިޓް ހައުސްއާ ކައިރި ހޮޓާތަކުގައި ވަނީ ވީވީއައިޕީ އިންތިޒާމްތައް ގާއިމްކޮށްފަ އެވެ. ކޮމިއުނިޓީ އިވެންޓްތައް ބާއްވާނެ ޖާގަ އާއި އިއްޒަތްތެރިންނަށް ވަކި ލިފްޓާއި ހޮޓަލަށް ވަދެ ނުކުތުމަށް ޚާއްސަ ދޮރުތައް ހުރެ އެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް އިމްރާން ޚާން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ނޫޅުއްވުމަށް ނިންމަވައިފަ އެވެ. އެކަމަކު ޓްރެފިކްގައި ނުޖެހެން، ހެލިކޮޕްޓަރުގައި ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވާތީ އޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އިމްރާން ޚާން ވަނީ ކުރީގެ ބޮޑު ވަޒީރުން ބޭނުން ކުރެއްވި އަގު ބޮޑު ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް ނީލަން ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy