ފޭސްބުކް ބޭނުންކުރާ 87 މިލިއަން މީހުންގެ މައުލޫމާތު ކެމްބްރިޖް އެނަލިޓިކާ އިން ވަނީ ބޭނުންކޮށްފައި.
13 ޖުލައި 2019 - 20:15
ވޮޝިންޓަން (ޖުލައި 13) - ޓޭޑާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސި ވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކުރި މައްސަލާގައި ރެކޯޑް އަދަދެއް ކަމަށްވާ ފަސް ބިލިއަން ޑޮލަރުން ފޭސްބުކް ޖޫރިމަނާ ކުރަން ރެގިއުލޭޓަރުން ނިންމައިފި އެވެ.
ފޭސްބުކް ބޭނުންކުރާ 87 މިލިއަން މީހުންގެ މައުލޫމާތު ގަވާއިދާ ޚިލާފަށް އިނގިރޭސި ވިލާތުގެ ޕޮލިޓިކަލް ކޮންޒަލްޓިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެމްބްރިޖް އެނަލިޓިކާ އިން ހޯދި މައްސަލަ ކޮންޒިއުމަރުން ހިމާޔަތްކޮށްދޭ އެޖެންސީ، އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ވަނީ ތަހުގީގުކޮށްފަ އެވެ. ފޭސްބުކް ޖޫރިމަނާ ކުރަން ފާސްކުރީ އެފްޓީސީގެ 3-2 ވޯޓުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ މައްސަލަ އެފްޓީސީން ތަހުގީގު ކުރަން ފެށީ މާޗް 2018 ގަ އެވެ. ތަހުގީގުގައި ބަލާފައި ވަނީ ޔޫޒަރުންގެ މައުލޫމާތު ބޭނުން ކުރާ ނަމަ އެ މީހުންގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ބުނާ ޒާތީ މައުލޫމާތު ސިއްރު ކުރާ 2011 ވަނަ އަހަރުގެ އެއްބަސްވުމާ ޚިލާފުވެފައިވޭތޯ އެވެ.
ފޭސްބުކް ޖޫރިމަނާ ކުރަން އެފްޓީސީން ނިންމި ނަމަވެސް އެކަން ފައިނަލައިޒް ކުރާނީ ޖަސްޓިސް ޑިޕާޓްމަންޓުގެ ސިވިލް ޑިވިޝަނުންނެވެ. އެކަމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގެ އެވެ. މި ޖޫރިމަނާ ތަންފީޒް ކޮށްފި ނަމަ އެއީ އެފްޓީސީން ޓެކް ކުންފުންޏެއް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ. އެކަމަކު ފޭސްބުކް ޖޫރިމަނާ ކުރަނީ އެ ކުންފުނީގެ އަހަރެއްގެ ފައިދާގެ ތެރޭން އެއް ކުއާޓަރަށް ޖެހޭ އަދަދުންނެވެ.
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންކޮށްގެން ކެމްބްރިޖް އެނަލިޓިކާ އިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް އެހީވިކަމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ފޭސްބުކް މެދުވެރިިކޮށް ބޮޑަށް ހޯދާފައި ވަނީ އެމެރިކާ މީހުންގެ މައުލޫމާތެވެ. އެ މައުލޫމާތު ވަނީ ޓްރަމްޕަށް ފަހިވާ ގޮތަށް މީހުންނަށް ސައިކޮލޮޖިކަލް ނުފޫޒު ފޯރުވަން ބޭނުންކޮށްފަ އެވެ. ކެމްބްރިޖް އެނަލިޓިކާ އާއި ކެމްބްރިޖް ޔުނިވާސިޓީއާ އެއްވެސް ގުޅުމެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
14 July 2019
މިއީ ރަމްޒީ ޖޫރިމަނާއެއްބާ އަދަދު އެހާ ކުޑައީ؟!
އޮށްގޯނި މުދިމު
15 July 2019
5 ބިލިއަން (5 ހާސް މިލިއަން) ޑޮލަރު އެއީ ކުޑަޢަދަދެއްތަ؟