ރަޝިޔާގެ މަސް ބޯޓު ނޯތު ކޮރެއާ އިން ހިފެހެއްޓީ މި މަހު 17 ވަނަ ދުވަހު. --ފޮޓޯ:ރޮއިޓާސް
28 ޖުލައި 2019 - 15:29
ޕިއޮންޔަން (ޖުލައި 28) - ނޯތު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާޚިލާފަށް ވަދެފައިވާ ކަމަށް ބުނި ރަޝިޔާގެ މަސް ބޯޓު ފަޅުވެރިންނާ އެކު ދޫކޮށްލައިފި އެވެ.
ރަޝިޔާ އެމްބަސީން ބުނީ މަސް ބޯޓު ހިފަހައްޓާފައި ވަނީ މި މަހު 17 ވަނަ ދުވަހު ކަމަށެވެ. އެ ބޯޓުގައި ރަޝިޔާގެ 15 މީހުންނާއި ސައުތު ކޮރެއާގެ ދެ މީހުން ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.
ނޯތު ކޮރެއާގައި ހުންނަ ރަޝިޔާ އެމްބަސީން ބުނެފައި ވަނީ މަސް ބޯޓާއި ފަޅުވެރިން ދޫކޮށްލާފައި ވަނީ ޑިޕްލޮމެޓިކް ގޮތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. މަސް ބޯޓު ދޫކޮށްލީ ޖޫރިމަނާއެއް ކުރުމެއް ނެތި ކަމަށް ވެސް ބުނެފައިވެ އެވެ.
ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ މަސް ބޯޓު ހިފެހެއްޓީ ކަކުނި ހިފަން ކޮރެއަން ޕެނިންސުލާ އާއި ޖަޕާނާ ދެމެދު ދަތުރު ކުރަނިކޮށް ކަމަށެވެ. ރަޝިޔާ އިން ބުނެފައި ވަނީ އެ ގައުމުގެ ބޯޓު ގަވާއިދާ ޚިލާފުވެފައި ނުވާ ކަމަށެވެ.
ސައުތު ކޮރެއާ އިން ބުނެފައި ވަނީ އެ ގައުމުގެ ހަ މީހަކު އަދިވެސް ނޯތު ކޮރެއާގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. ސައުތު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަން ނޯތު ކޮރެއާގެ ލަކުޑި މަސް ބޯޓެއް ހޮނިހިރު ދުވަހުގެ ރޭ ވަނީ ހިފަހައްޓައިފަ އެވެ. ސައުތު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފުން ބުނެފައި ވަނީ އެ ބޯޓުގެ މައްސަލަ ބަލަމުންދާ ކަމަށެވެ. މި ގޮތަށް ހިފަހައްޓާ ބޯޓު ފަހަރުން ޖާސޫސް ނުކުރާ ނަމަ ސައުތު ކޮރެއާ އިން އާއްމުކޮށް ދޫކޮށްލަ އެވެ. އަދި ބޯޓުގެ ފަޅުވެރިން ސައުތު ކޮރެއާގައި ވަޒަންވެރިވާން ބޭނުން ނަމަ އެ ފުރުސަތު ވެސް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy