ނަތަންޔާހޫގެ ވާހަކަތައް ބާންކީ މޫން ކުށްވެރި ކުރައްވައިފި

ގުދުސް (ސެޕްޓެމްބަރު 17) - ފަލަސްތީނުން ބޭނުން ވަނީ ހުޅަނގު އައްސޭރީގައި އުޅޭ ޔަހޫދީންގެ ނަސްލު ނައްތާލަން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ފާޑު ވިދާޅުވެއްޖެ އެވެ.


ޔަހޫދީ އާބާދީތައް ހެދުމާ ދެކޮޅު ހަދަމުންދާ ފަރާތްތަކަށް އިޝާރާތް ކުރައްވާ ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ ބިމުގައި ދިރިއުޅޭ ދެ މިލިއަން އަރަބިންނާ މެދު ކަންބޮޑުވާ އެކަކު ވެސް ނެތް ކަމަށާއި އެންމެން ވެސް ކަންބޮޑު ވަނީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން އުޅެމުންދާތީ ކަމަށެވެ.

"ފަލަސްތީނުގެ ލީޑަޝިޕުން ދައުލަތެއް އުފައްދަން ބޭނުން ވަނީ އެންމެ ޝަރުތަކާ އެކު. އެއީ ޔަހޫދީންނާ ނުލައި. އެއަށް ކިޔަނީ ނަސްލު ނައްތާލުން،" ނަތަންޔާހޫގެ ފޭސްބުކުގައި ވެސް އާއްމުކޮށްފައިވާ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ނަތަންޔާހޫ އަށް ރައްދު ދެއްވާ ބާން ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމެއް ކަމަށެވެ. ބާން ވިދާޅުވީ ޔަހޫދީން އާބާދު ކުރަމުން ދިއުމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ މުޅިން ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. ގާޒާ އަށް އިޒްރޭލުން ދެމުންދާ ރޮކެޓް ހަމަލާތައް ވެސް ބާން ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

އިޒްރޭލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް 1967 ވަނަ އަހަރު ވެރިވެގަތް ފަހުން 100 އަށް ވުރެ ގިނަ ބިންތަކުގައި 570،000 ޔަހޫދީން ވަނީ އާބާދު ކުރުވައިފަ އެވެ.

ނަތަންޔާހޫ އަށް ރައްދު ދެއްވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ނަސްލެއް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ބަޔަކީ އިޒްރޭލް ކަމަށެވެ. އަދި އިޒްރޭލުގެ އަމަލުތައް ހުންނަނީ ސުލްހައާ ދުރުވެ މީހުން މެރުމާއި މުގައްދަސް ބިންތަކަށް ގެއްލުން ދިނުމަށް ކަމަށް ވިދާޅުވި އެވެ.