ހޮން ކޮން: އޮގަސްޓް 13، 2019: ހޮން ކޮން އެއާޕޯޓުގެ ޑިޕާޗާ ގޭޓުން ވަންނަން މަސައްކަތް ކުރާ ޓޫރިސްޓަކު އޭނާގެ ލަގޭޖް ސެކިއުރިޓީ ގާޑުންނަށް ހަވާލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
13 އޯގަސްޓް 2019 - 16:30
ހޮން ކޮން (އޮގަސްޓް 13) - ޑިމޮކްރެސީ އެކްޓިވިސްޓުން އެއާޕޯޓުގައި ފެށި ވަރުގަދަ މުޒާހަރާއާ ގުޅިގެން ހޮން ކޮން އެއާޕޯޓް މިއަދު މެންދުރު ފަހު ބަންދުކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ހޮން ކޮން އިންޓަނޭޝަނަލް އެއާޕޯޓުގައި އިހްތިޖާޖްކުރާތާ ފަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް މުޒާހަރާ އިއްޔެ ވަރުގަދަކުރުމާ ގުޅިގެން ވަނީ ގިނަ އަދަދެއްގެ ފްލައިޓް އިއްޔެ ވެސް ކެންސަލްކޮށްފަ އެވެ. މިއަދު ހެނދުނު އެއާޕޯޓް ހުޅުވި ނަމަވެސް މެންދުރު ފަހު ވަރުގަދަ މުޒާހަރާއެއް ފެށުމާ ގުޅިގެން އަނެއްކާ ވެސް އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ.
ހޮން ކޮން އެއާޕޯޓުން ނެރުނު ބަޔާނެއްގައި ވަނީ ޗެކިން ކުރުން ހުއްޓާލާފައިވާތީ ހުރިހާ ޕަސިންޖަރުން ޓާމިނަލުން ނުތުމަށް އިލްތިމާސްކޮށްފަ އެވެ. މުޒާހަރާ އަށް އެއާޕޯޓަށް ދިޔަ މީހުން ވަނީ ޑިޕާޗާ އޭރިޔާ ބްލޮކްކޮށްލައިފަ އެވެ. މުޒާހަރާގެ ބައެއް ބައިވެރިން ބުނެފައި ވަނީ އާދިއްތަ ދުވަހުގެ މުޒާހަރާ ހުއްޓުވަން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން އެ މީހުން ތިބީ ރުޅިގަދަވެފައި ކަމަށެވެ.
ކުށްވެރިން ޗައިނާއާ ހަވާލު ކުރަން ފާސްކުރަން އުޅުނު ބިލަކާ ދެކޮޅަށް ހޮން ކޮންގައި ފެށި މުޒާހަރާތައް ކުރިއަށް ގެންދާތާ ދިހަވަރަކަށް ހަފުތާވެއްޖެ އެވެ. ބިލް ފާސް ކުރުން މަޑުޖައްސާލާފައިވީ ނަމަވެސް މުޒާހަރާތަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ހޮން ކޮންގެ ލީޑަރު ކެރީ ލަމް މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މުޒާހަރާތަކުގެ ސަބަބުން ގައުމު ވަނީ އަޑިނޭނގޭ ވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާރު ވަނީ އަނބުރާ އިޔާދަ ނުކުރެވޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުކަލޯ
13 August 2019
ހޮންކޮން ރައްޔިތުން މިކުރާހިތްވަރަށް ސާބަސް.
އަމާ
13 August 2019
ތިޔަ ކަމަނާ ޗައިނާއަށް ގައުމު ވިއްކާލަން އޯކޭ
ޢަމާ
13 August 2019
ކަލޯ ހޮންކޮންއަކީ ޗައިނާ ސްޓޭޓެކޭ. ވަކިގާނޫނެއް ހިގިޔަސް ހޮންކޮންގެ މައި ސަރުކާރަކީ ޗައިނާ އޭ