އެމެރިކާގެ ކޮންގްރެސްގެ މުސްލިމް ދެ މެންބަރުން އިޒްރޭލަށް ވަނުން މަނާކޮށްފި

ތެލް އަވީވް (އޮގަސްޓް 16) - އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މުސްލިމް ދެ މެންބަރުން ކަމަށްވާ ރަޝީދާ ތަލީބާއި އިލްހާން އުމަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި އެވެ.


އިޒްރޭލް ސަރުކާރަށް ފާޅުގައި ފާޑުކިޔަމުން ދިޔަ ދެ މެންބަރުން ކަމަށްވާ އިލްހާން އާއި ތަލީބް ވަނީ އަންނަ ހަފުތާގައި ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެ ދަތުރުގައި އިޒްރޭލުގެ ބައެއް ތަންތަނަށް ވެސް ދެ މެންބަރުން ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިޒްރޭލް ބޮއިކޮޓް ކުރުމަށް ތާއީދުކުރާ މުސްލިމް ދެ މެންބަރުން އިޒްރޭލަށް ވަނުމުގެ ހުއްދަ ދީފި ނަމަ އެއީ "ނިކަމެތި ކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް ކުރިން ވަނީ އިޒްރޭލާއި ޔަހޫދީން ދެކެ ރުޅި އަންނަ އެ ދެ މެންބަރުން އިޒްރޭލަށް ވަނުން މަނާކުރުމަށް ގޮވާލައްވައިފަ އެވެ.

އިލްހާން ވިދާޅުވީ އިޒްރޭލް ސަރުކާރުގެ ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ކުރި މަލާމާތެއް ކަމަށެވެ.

އިޒްރޭލުގެ ގާނޫނު އޮންނަ ގޮތުން އެ ގައުމު އެއްވެސް ގޮތަކަށް ބޮއިކޮޓް ކުރުމަށް ގޮވާލާ ބޭރުގެ ފަރާތްތަކަށް ވިސާ ދިނުން މަނާކުރެ އެވެ.

ތަލީބަކީ ފަލަސްތީން ދަރިކޮޅު މީހެކެވެ. އޭނާގެ ދަތުރުގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ މާމަ އަށް ޒިޔާރަތްކޮށް މާމަ ގާތުގައި ދެ ދުވަހު މަޑުކުރަން އޮތީ ޕްލޭންކޮށްފަ އެވެ. އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު ފަލަސްތީން ދަރިކޮޅުގެ ފުރަތަމަ މެންބަރު ތަލީބް، 43، އުފަންވީ މިޝިގަންގަ އެވެ. މިނެސޮޓާގެ މެންބަރުކަން ކުރައްވާ އިލްހާން، 37، އުފަންވީ ސޯމާލިއާގަ އެވެ. އޭނާ އެމެރިކާ އަށް ހިޖުރަކުރީ ވަރަށް ޅަ އުމުރުގަ އެވެ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމެރިކާ އާއި އެ ގައުމުގެ ކޮންގްރެސް އަށް އިޒްރޭލަށް ވުރެ ބޮޑަށް އިހުތިރާމް ކުރާ ގައުމެއް ދުނިޔޭގައި ނޯންނާނެ ކަމަށެވެ. އެކަމަކު ކޮންގްރެސްގެ މުސްލިމް އަންހެން ދެ މެންބަރުންގެ ދަތުރުގެ ބޭނުމަކީ އިޒްރޭލަށް ގެއްލުން ދިނުން ކަމަށް ވިދާޅުވި އެވެ.