މިއަންމާގެ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްގައި މިއަދު ބޭއްވި ބޮޑު އެއްވުން: މި އެއްވުމުގައި ދެ ލައްކަ މީހުން ބައިވެރިވި. --ފޮޓޯ:އޭއެފްޕީ
25 އޯގަސްޓް 2019 - 14:21
ކޮކްސް ބާޒާރު (އޮގަސްޓް 25) - މިއަންމާގެ ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓުން ނެރެލައި ބަންގްލަދޭޝް އަށް ފޮނުވާލި އަނިޔާވެރި ހަނދާންތައް އާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ "ގަތުލްއާއްމުގެ ދުވަސް" ރޮހިންޖާ ރެފިއުޖީންގެ އެތައް ހާސް ބަޔަކު ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕްގައި މިއަދު ފާހަގަކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން ޒާކިރު ހަސަން އޭއެފްޕީ އަށް ވިދާޅުވީ ސުލްހަވެރި އެއްވުމުގައި ދެ ލައްކައެއްހާ މީހުން ބައިވެރިވި ކަމަށެވެ. މޫނު ބުރުގާ އަޅައިގެން ތިބި އަންހެނުންނާއި ކުޑަ ކުދިން އަދި ފިރިހެނުން ވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ބޭއްވި އެއްވުމުގައި ބައިވެރިވެފަ އެވެ.
އޮގަސްޓް 25، 2017 ގައި މިއަންމާގެ ރަކީން ސްޓޭޓުން ވަނީ 750،000 ރޮހިންޖާ މުސްލިމުން އެ މީހުންގެ ގެދޮރުން ނެރެ އަވަށްޓެރި ބަންގްލަދޭޝް އަށް ފޮނުވާލައިފަ އެވެ. އެ ހާދިސާ އަށް ދެ އަހަރު ފުރުން ފާހަގަކުރާ އިރު ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
"ދުނިޔެ އަށް އަންގަން ބޭނުން ވަނީ އަހަރެމެންގެ ހައްގުތައް އަލުން ބޭނުންވާ ވާހަކަ. އަހަރެމެންގެ ގެދޮރާއި ބިން އަނބުރާ ބޭނުންވާ ވާހަކަ،" އެއްވުން އިންތިޒާމު ކުރުމުގައި އުޅުނު މުހީބުﷲ ބުންޏެވެ. "މިއަންމާ އަކީ އަހަރެމެންގެ ގައުމު. އަހަރެމެންނަކީ ރޮހިންޖާ މުސްލިމުން."
އުމުރުން 50 އަހަރުގެ ތަޔަބާ ޚާތުން ބުނީ އެއްވުމުގައި އޭނާ ބައިވެރިވީ މިއަންމާ ސިފައިންގެ އަނިޔާވެރިކަމުގައި މަރާލި އޭނާގެ ދެ ފިރިހެން ދަރިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމަށް ކަމަށެވެ.
މިއަންމާ އިން ހިންގާފައި ބޮޑު ޖަރީމާ އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
25 August 2019
ރަގަޅުކަމެއް ތިކުރީ އަޑުއުފުލުމަކީ ފުރަތަމަ ފެށުން.
ފުންއަސަރު
25 August 2019
އެމީހުން އެބިމަށް ދިޔަޔަސް، ގަދަކަމުން ފޮނުވާލިޔަސް، ރައްކާތެރިކަމެއްނެތް. ވިއްޔާވާނީ ގޯސް. މީގެ އެއްއަހަރުކުރިން ބަންގްލަދޭޝްއިން ބުނެފާވާ ފަދައިން ދެން އެންމެ ރަނގަޅުވާނީ ބަނގްލަދޭޝްއިން ވަކި ސަރަހައްދެއް އެމީހުނަށްޓަކާ ބާއްވައިދިނުން. އަދި އެސަރަހައްދަކީ ރައްކާތެރި މީހުންއުޅެން ފަސޭހަ ހިތްހަމަޖެހޭފަދަ ތަނަކަށް އެތަން ހަދައިދިނުން! އިރާދަކުރެއްވިއްޔާ ނިކަމެތިކަން ލިބިފާވާ ބަޔަކަށް އެހީތެރިވެގެނެއް ބަނގްލަދޭޝް ސަރުކާރަކަށްވެސް ދެރައެއް ނުވާނެ!