ލަޑިވޮސްޓޮކް، ރަޝިޔާ (ސެޕްޓެމްބަރު 5) - ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް އަނބުރާ އިންޑިއާ އަށް ފޮނުވުމުގެ މައްސަލަ މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ސަމާލު ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ގެންނަވައިފި އެވެ.
ރަޝިޔާގައި މިހާރު ކުރިއަށްދާ އީސްޓަން އިކޮނޮމިކް ފޯރަމްގެ ތެރެއިން މަހާތިރާ ބައްދަލު ކުރައްވައި މޯދީ ވަނީ ޒާކިރު ނައިކް އަނބުރާ އިންޑިއާ ހަވާލު ކުރުމުގެ މައްސަލަ މަހާތިރަށް ހުށަހަޅުއްވާފައި ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ވިދާޅުވި އެވެ. އަދި ދެ ގައުމުގެ އޮފިޝަލުންގެ ލެވެލްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުމްބާއީ އަށް އުފަން 53 އަހަރުގެ ޒާކިރު ނައިކް 2016 ވަނަ އަހަރު އިންޑިއާ އިން ފިއްލެވި ފަހުން ދިރިއުޅުއްވަނީ މެލޭޝިއާގަ އެވެ.
ޒާކިރު ނައިކް ދާދި ފަހުން ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށް ވިދާޅުވެފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ "މެހުމާނުންތަކެއް" ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ. ޒާކިރު ނައިކުގެ އެ ވާހަކަތަކާ ގުޅިގެން އޭނާ މެލޭޝިއާ އިން ޑިޕޯޓްކޮށްލަން އެތައް ބަޔަކު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
މެލޭޝިއާ ފުލުހުން ވަނީ ޒާކިރު ނައިކްއާ ސުވާލުކޮށް އޭނާ އެ ގައުމުގައި ތަގްރީރު ކުރުން މިހާރު މަނާކޮށްފަ އެވެ.
އިންޑިއާ އިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އޭނާ ނިއު ދިއްލީއާ ހަވާލު ކުރުމަށް މެލޭޝިއާގައި އެދިފަ އެވެ.
ޒާކިރު ނައިކް އަށް ޕާމަނަންޓް ރެސިޑެންސީ ދީފައި ވަނީ މެލޭޝިއާގެ ކުރީގެ ސަރުކާރުންނެވެ.
ޒާކިރު ނައިކް ވަނީ އޭނާ ދެއްކެވި ވާހަކަތައް ބަޔަކު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ. އަދި މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ބައިބައިވުން އުފެދޭ ފަދަ ވާހަކަތަކެއް ވިދާޅުވެފައިވާ ނަމަ އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޒާކިރް ނައިކް ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ އޭނާގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން އިންޑިއާ އިން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.