އީރާނާ ހަނގުރާމަކޮށްފި ނަމަ ދުނިޔޭގެ އިގްތިސާދު ހަލާކުވާނެ: ސައުދީ ވަލީއަހުދު

ވޮޝިންޓަން (ސެޕްޓެމްބަރު 30) - އީރާނާ ހަނގުރާމަކޮށްފި ނަމަ ދުނިޔޭގެ އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ ކަމަށް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.


"އީރާން މައިތިރިކުރުމަށް ދުނިޔެ އިން ހަރުދަނާ މަސައްކަތްތަކެއް ނުކޮށްފި ނަމަ، ދުނިޔެ އަށް އީރާނުން ބިރުދައްކާ މިންވަރު އިތުރުވާތަން ފެނިގެންދާނެ،" އެމެރިކާގެ ސީބީއެސްގެ "60 މިނިޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕްރިންސް މުހައްމަދު ވިދާޅުވި އެވެ. "ތެލުގެ ސަޕްލައި އަށް ހުރަސް އެޅޭނެ. ތެލުގެ އަގު ޚިޔާލަށް ނުގެނެވޭ ވަރަށް ބޮޑުވާނެ."

ޕްރިންސް މުހައްމަދު ވިދާޅުވީ ސައުދީ އާއި އީރާނާ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ ދުނިޔޭގެ އިގްތިސާދު ނެތިދާނެ ކަމަށެވެ.

"ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ 30 ޕަސެންޓް ހިއްސާކުރަނީ މި ސަރަހައްދުން. ދުނިޔޭގެ ވިޔަފާރީގެ 20 ޕަސެންޓް. އަދި މިއީ ދުނިޔޭގެ ޖީޑީޕީގެ ހަތަރު ޕަސެންޓް. ޚިޔާލަށް ގެންނަވައި، ހަނގުރާމައެއް ފަށައިފި ނަމަ މި ހުރިހާ ކަމެއް ހުއްޓޭނެ،" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ. "މީގެ މާނައަކީ ދުނިޔޭގެ އިގްތިސާދު އެކުގައިހެން ހުއްޓުމަކަށް އަންނާނެ. އޭގެ އަސަރު ފޯރާނީ ހަމައެކަނި ސައުދީ އަރަބިއާކަށް ނުވަތަ މެދުއިރުމަތީގެ ގައުމުތަކަށް އެކަންޏެއް ނޫން."

ޕްރިންސް މުހައްމަދު ވިދާޅުވީ ސައުދީގެ ތެޔޮ އުފައްދާ ތަންތަނަށް ސެޕްޓެމްބަރު 14 ވަނަ ދުވަހު ދިން ހަމަލާގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެއީ މޮޔައަކު ވެސް ކުރާނެ ކަހަލަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް ޕަސެންޓަށް ހަމަލާދޭނީ ކާކު؟ އެއީ އެ ބައެއްގެ މޮޔަކަން ސާބިތުކޮށްދޭން ކުރި ކަމެއް،" ޕްރިންސް ވިދާޅުވި އެވެ.