ސީރިއާގައި ކުރަނީ މަރު ނޫނީ ކާމިޔާބު ހަނގުރާމައެއް: ޚާރިޖީ ވަޒީރު

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 25) - ސީރިއާގައި ރަޝިޔާ އާއި އީރާން އަދި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ އެހީތެރިކަމާ އެކު އިދިކޮޅު ފަރާތްތަކުގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދަން ކުރަމުން ގެންދަނީ "މަރު ނޫނީ ކާމިޔާބު" ހަނގުރާމައެއް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ.


ހަލަބު ސިޓީގައި ހަނގުރާމަ ހޫނުވެ ވަރުގަދަ އަށް ވައިގެ ހަމަލާތައް ދެމުން ދަނިކޮށް އދ.ގެ އާއްމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވަލީދު މުއައްލިމް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ސީރިއާ ސިފައިން ދަނީ ކުރިއެރުން ހޯދަމުން ކަމަށާއި ސީރިއާގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނާ އެކު ވަރަށް އަވަހަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި ސީރިއާ ސަރުކާރުގެ ބޭނުމަކީ އެ ގައުމުގައި ސުލްހަ ގާއިމް ކުރުން ކަމަށް ވިދާޅުވި އެވެ. މުއައްލިމް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ސީރިއާ އިން މިހާރު ކުރިއަށް ގެންދަނީ "މަރު ނޫނީ ކާމިޔާބު" ހަނގުރާމައެއް ކަމަށެވެ.

ސީރިއާގެ ޚާރިޖީ ވަޒީރު ވާލިދު މުއައްލިމް އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

"ސީރިއާގައި ސަރުކާރު ސިފައިން އެ ދަނީ މުޅި ދުނިޔޭގެ ފަރާތުން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން. މި ހަނގުރާމަ ވަރަށް އަވަހަށް ކާމިޔާބު ކުރާނަން،" މުއައްލިމް ވިދާޅުވި އެވެ.

ސީރިއާގެ ބޮޑު ވަޒީރުގެ ނައިބުގެ މަގާމު ވެސް އަދާކުރައްވާ މުއައްލިމް ވަނީ އެ ގައުމުގެ ޓެރަރިސްޓުންނަށް ސައުދީ އަރަބިއާ، ގަތަރު އަދި ތުރުކީން އެހީވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ހަލަބަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ވަނީ އާއްމުންގެ 45 މީހުން މަރުވެފަ އެވެ. އަދި ދެމިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ސާފު ފެން ލިބުމުން މަހްރޫމްވެފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވަނީ ހަލަބުގައި ހަމަލާތައް ވަރުގަދަވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ސީރިއާގެ ހަ އަހަރުވީ ދާޚިލީ ހަނގުރާމައިގައި ތިން ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.