މުސްލިމުންނަށް ކުރި އަނިޔާ އދ.ގެ ކޯޓުގައި ސޫކީ ދިފާއު ކުރައްވައިފި

ދަ ހޭގް (ޑިސެމްބަރު 11) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް ދިން އަނިޔާތައް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީޖޭ) ގައި މިއަންމާގެ ލީޑަރު އަން ސަން ސޫކީ ދިފާއު ކުރައްވައިފި އެވެ.


ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާއާ ދެކޮޅަށް އދ.ގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން ސޫކީ ވިދާޅުވީ އެ މައްސަލަ ފުރިހަމަނުވާ ކަމަށާއި އެއީ "ގޯސް" ތުހުމަތުތަކެއް ކަމަށެވެ. އަދި ރޮހިންޖާ ގިނަ ބަޔަކު ދިރިއުޅޭ ރަކީންގެ މައްސަލަ އަކީ ގަރުނުތަކަށް ދެމިގެން ދިޔަ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަމަލުތަކުގައި ރޮހިންޖާ އެތައް ހާސް ބަޔަކު މަރާފައިވެ އެވެ. އަދި 700،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

ބައެއް މުސްލިމް ގައުމުތަކުގެ ފަރާތުން، ރޮހިންޖާ މުސްލިމުންގެ މައްސަލަ އދ.ގެ ކޯޓަށް ހުށަހެޅީ ހުޅަނގު އެފްރިކާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކުޑަ ގައުމެއް ކަމަށްވާ ގެމްބިއާ އިންނެވެ.

"ގެމްބިއާ އިން އެދޭ އެދުމަކީ މިއަންމާގައި ހިންގާ އެއްވެސް ރަހުމެއް ނެތް އަމަލުތައް ހުއްޓުވައިދިނުން،" އދ.ގެ ކޯޓުގައި ވާހަކަ ދައްކަވަމުން ގެމްބިއާގެ އެޓާނީ ޖެނެރަލް އަދި ޖަސްޓިސް މިނިސްޓަރު އަބޫބަކްރު ތަމްބަދޫ، ސޫކީގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އޭނާ ވަނީ ބަންގްލަދޭޝްގައި ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ކޭމްޕްތަކަށް ޒިޔާރަތްކޮށް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ އަޑު އައްސަވައިފަ އެވެ.