ލާހޯރުގައި ވަކީލުންތަކެއް ހޮސްޕިޓަލުގައި ހަމަނުޖެހުން ހިންގުމުން ބަލި މީހުންތަކެއް މަރު

ލާހޯރު (ޑިސެމްބަރު 13) - ޕާކިސްތާނުގެ ލާހޯރުގެ ހިތުގެ ބަލީގެ ހޮސްޕިޓަލަކަށް އެތައް ސަތޭކަ ވަކީލުން ވަދެ ޑޮކްޓަރުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުން ދިނުމުން އެޑްމިޓްކޮށްފައި ތިބި ތިން ބަލި މީހަކު މަރުވެއްޖެ އެވެ.


ހޮސްޕިޓަލުގެ ވޯޑަކަށް ވަކީލުން ވަދެ ތަކެއްޗަށް ގެއްލުންދީ ސްޓާފުންނަށް އަނިޔާކުރާ މަންޒަރުގެ ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ. ހޮސްޕިޓަލުގައި ބިރުވެރިކަން ފެތުރުމުން ބައެއް ޑޮކްޓަރުންނާއި ސްޓާފުން ވަނީ އެކި ތަންތަނަށް ވަދެ ފިލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ހާލު ދެރަ ބަލި މީހުންނަށް ވެސް ވަނީ އަޅާނުލެވި ދޫކޮށްލެވިފަ އެވެ. ފަރުވާ ނުލިބުމުން މަރުވީ އައިސީޔޫގައި އޮތް އަންހެނަކާއި ދެ ފިރިހެނުންނެވެ.

ޑޮކްޓަރުންނާ ކުރިމަތިލީ ވަކީލުންގެ ފަހަތުން ފުލުހުން ދުވަނީ. --ފޮޓޯ:އޭއެފްޕީ

ވަކީލުން ހޮސްޕިޓަލުން ނެރެފައި ވަނީ ރަޔަޓް ފުލުހުން ކަރުނަ ގޭސް ޖަހައިގެންނެވެ. ވިއްސަށް ވުރެ ގިނަ ވަކީލުން ވަނީ ހައްޔަރުކޮށްފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ ހޮސްޕިޓަލުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ދެ ގަޑިއިރެއްހާއިރު ނެގި ކަމަށެވެ.

ވަކީލުން ރުޅިގަދަވެގެން ހޮސްޕިޓަލަށް ވަދެ ހަމަނުޖެހުން ހިންގީ އެ މީހުންގެ ބައެއް ރަހުމަތްތެރި ވަކީލުންނާ މެދު ހޮސްޕިޓަލުން މިދިޔަ މަހު ވަރަށް އިހާނެތިކޮށް ކަންތައް ކުރި ކަމަށް ބުނެއެވެ. އެކަމަކު ވަކީލުން ރުޅި ކޮންޓްރޯލުން ނެއްޓުނީ އެ މީހުންނަށް މަލާމާތްކޮށް ހޮސްޕިޓަލުގެ ޑޮކްޓަރަކު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއަކާ ގުޅިގެންނެވެ.

ވަކީލުން ކޮންޓްރޯލް ކުރަން ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފައި. --ފޮޓޯ:އީޕީއޭ

ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓަރުން ބުނި ގޮތުގައި ލާހޯރުގެ ޕަންޖާބް އިންސްޓްޓިއުޓް އޮފް ކާޑިއޮލޮޖީ އަށް ވަނީ 200 އަށް ވުރެ ގިނަ ވަކީލުން ވަދެގެންފަ އެވެ. ވަކީލުން ވަނީ ނަރުހުންގެ ހޮސްޓެލްގެ ބިއްލޫރުތައް ތަޅައި ފަރުނީޗަރަށް ވެސް ގެއްލުންދީފަ އެވެ. އަދި ހޮސްޕިޓަލުގެ ބޭރުގައި ޕާކުކޮށްފައިވާ ކާރުތަކަށް ވެސް ވަނީ ގެއްލުންދީފަ އެވެ.

ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އެ ހާދިސާ ތަހުގީގު ކުރަން އަންގަވައިފަ އެވެ.