ނިއު ދިއްލީ ފުލުހުން އާންމުންގެ ތެރެއަށް ބަޑި ޖެހިކަމަށް ތުހުމަތުކޮށްފި

މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހެދި ގާނޫނާ ދެކޮޅަށް މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި އާންމުންގެ ގަޔަށް ފުލުހުން ބަޑި ޖެހިކަމުގެ ތުހުމަތުތަކާ އެކު ނިއު ދިއްލީގެ ފުލުހުންނަށް އާ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.


ވެރިރަށް ނިއު ދިއްލީގައި މުޒާހަރާކުރި މީހުންގެ ތެރެއަށް ބަޑި ޖެހިކަމުގެ ވާހަކަ ފުލުހުން ދޮގުކުރެ އެވެ. އެކަމަކު މަދުވެގެން ތިން މީހަކު ބުނީ އެ މީހުން ޒަހަމްވީ ބަޑި ޖެހުމުގެ ސަބަބުން ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި އެ ޒަހަމްތައް ލިބުނީ ކަރުނަ ގޭސް ކެނިސްޓާ ފުނޑުފުނޑުވެގެންނެވެ.

ނިއު ދިއްލީގެ ފުލުހުން އާންމުންނަށް އަނިޔާކުރާ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ. ނިއު ދިއްލީގައި ހުންނަ ޖާމިއާ މިއްލިއާ އިސްލާމީ ޔުނިވަސިޓީގެ ފިރިހެން ދަރިވަރެއްގެ ގައިގައި ދަނޑިބުރިން ތަޅަން އުޅުމުން އަންހެން ދަރިވަރުންތަކެއް އޭނާގެ ގައިމައްޗަށް ވެއްޓި، ހިމާޔަތްކުރި ގޮތުގެ ވީޑިއޯ ވައިރަލްވި އެވެ.

ނިއު ދިއްލީގެ ހޮސްޕިޓަލަކުން ބުނީ، ވަޒަން އަރައިގެން ލިބުނު ޒަހަމްތަކަކާ ގުޅިގެން އެ ތަނުގައި ދެ މީހަކު އެޑްމިޓްކުރި ކަމަށެވެ. އެކަމަކު ފުލުހުން އެ ވާހަކަ ދޮގުކުރެ އެވެ.

ބީބީސީން ބުނި ގޮތުގައި އެޑްމިޓްކުރި ތިން ވަނަ މީހެއްގެ މެޑިކަލް ރިޕޯޓް އެތަނަށް ލިބިފައިވެ އެވެ. އެމީހަކީ އޭނާ ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިއެއް ވެސް ނޫނެވެ. އެކަމަކު އޭނާގެ ގަޔަށް ވަޒަން އެރީ އެ ހިސާބުން ހިނގާފައި ދަނިކޮށް ކަމަށް ބުންޏެވެ.

ބީބީސީއަށް އޭނާ ކިޔައިދިން ގޮތުގައި ފުލުހަކު ފިސްތޯލައެއް ނުވަތަ އެފާޑުގެ އެހެން ހަތިޔާރަކުން އޭނާއަށް ހަމަލާ ދިންތަން ފެނުނެވެ.

އެކަމަކު ދިއްލީ ފުލުހުން ބުނާ ގޮތުގައި މުޒާހަރާގެ ތެރޭގައި އަސްލު އުއްޑަ ނުވަތަ ރަބަރު އުންޑަ ވެސް ބޭނުންކޮށްފައެއް ނުވާނެ އެވެ.

ނިއު ދިއްލީގެ ހަމަނުޖެހުންތަކެއްގައި ބަހެއްގައި ރޯކޮށްލާފައި

ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ނަޖުމާ އަހުތަރު ވިދާޅުވި ގޮތުގައި މުޒާހަރާގައި 200 މީހުން ޒަހަމްވި އެވެ އެކަމަކު ފުލުހުން ބުނަނީ ޒަހަމްވި ދަރިވަރުންގެ އަދަދު އުޅެނީ 39 ގައި ކަމަށެވެ. އަދި 30 ފުލުހަކު ޒަހަމްވި ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަަސް އެވެ.

އާ ގާނޫނާ ދެކޮޅަށް ފުރަތަމަ ހަމަނުޖެހުންތައް ހިނގަން ފެށީ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމްގަ އެވެ. އެކަމަކު މިހާރު ބޮޑެތި ބައެއް އެހެން ސިޓީތަކުގައި ވެސް މުޒާހަރާ ކުރިއަށް އެބަ ދެ އެވެ.

މިހާތަނަށް މަދުވެގެން ހަ މީހަކު ވަނީ މަރުވެފަ އެވެ.

ރަައްޔިތުން މައިިތިރިވުމަށް ބޮޑުވަޒީރު ނަރިިންދުރަ މޯދީ އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިންޑިއާގެ އެއްވެސް ރައްޔިތަކަށް އުނިކަމެއް ލިބޭނެ ގާނޫނެއް ނޫނެވެ. އެއީ ދީނީ ގޮތުން ބިރުވެރިކަމެއްގައި ތިބި އަދި އިންޑިއާ ނޫން އެހެން ތަނަކަށް ދެވެން ނެތް ބަޔަކަށް އަމާޒުކުރި ގާނޫނެއް ކަމަށެވެ.

އާ ގާނޫނު ބުނާ ގޮތުން ޕާކިސްތާނާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނުން އިންޑިއާ އަށް ގަވާއިދާ ހިލާފަށް ވަދެފައިވާ މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭނެ އެވެ.

މިއީ ވަކި ދީންތަކަކަށް ބިނާކޮށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް މިހާތަނަށް ހެދި ފުރަތަމަ ގާނޫނެވެ.

އެ ގާނޫނާ ދެކޮޅު މީހުން ބުނާ ގޮތުގައި އެއީ އިންޑިއާގެ ގާނޫނުއަސާސީއާ ވެސް ހިލާފު ބިލެކެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ސިފަކުރި ގޮތުގައި، އެ ގާނޫނުގެ ބިންގަލަކީ ވެސް ތަފާތުކުރުމެކެވެ.

ބޭނުންވީ ރަހުމަތްތެރިޔާ ހިމާޔަތްކުރަން

ޖާމިއާ މިއްލިއާ އިސްލާމީ ޔުނިވަސިޓީގެ ދަރިވަރެއް ކަމަށް ވާ ޝަހީން އަބްދުﷲއަށް، މިދިއަ އާދިއްތަދުވަހު، ނިއު ދިއްލީގެ ފުލުހުން އަނިޔާކުރަން ފެށީ ބިންމައްޗަށް ވައްޓާލައި ދަނޑިބުރިތައް ބޭނުންކޮށްގެންނެވެ. އޭނާ ސަލާމަތްކުރަން އަންހެނުންތަކެއް ނުކުމެ، ފުލުހުންނާ ކުރިމަތިލި އެވެ. ފުލުހުން ވަކި ގޮތެއް ނުބަލާ ތަޅަން ފެށުމުން އަންހެނުންގެ އެ ގްރޫޕް، އޭނާގެ ގައިމައްޗަށް ވެއްޓި ހިމާޔަތްކުރި އެވެ. އެވަރުން ވެސް ފުލުހުން ބެލީ ޝަހީންގެ ގައިގައި ތެޅޭތޯ އެވެ.

އަންހެނުންތައް ވަށާލުމުން ފުލުހުން އެންމެ ފަހުން އެ ތަނުން ދުރަށް ދިޔަ އެވެ.

މި ވީޑިއޯ މިހާރު ވަނީ ވައިރަލްވެފަ އެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށިކަން ބޭނުން ނުކުރާ ކަމަށް އިންޑިއާގެ ވެރިރަށުގެ ފުލުހުން ބުނިކަމުގައި ވިޔަސް، އެ ވީޑިއޯ އިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

"އަހަރެމެން ބޭނުންވީ އަހަރެމެންގެ ރަހުމަތްތެރިޔާ ހިމާޔަތްކުރަން،" އެ އަންހެނުންގެ ތެރެއިން އެކެއް ކަމަށް ވާ ލަދީދާ ފަރުޒާނާ ބުންޏެވެ.

ޝަހީނަށް ލިބުނު އަނިޔާތަކާ އެކު ވެސް، އޭނާ އިއްޔެ އަލުން މުޒާހަރާގައި ބައިވެރިވި އެވެ. އޭނާ ބުނި ގޮތުގައި އަޑު އުފުލުމުގެ ބޭނުމަކީ "ހަމައެކަނި އަހަރެމެން"ގެ ހައްގުތަައް ހޯދުމެއް ނޫނެވެ. އެއީ އިންޑިއާގެ ކޮންމެ މުސްލިމަކު ވެސް އުފުލަން ޖެހޭ އަޑެއް ކަމަށް ބުންޏެވެ.

"ގެއްލުން ލިބޭނީ އަހަރެން ނުވަތަ އެ އަންހެނުން ކުދިންނަކަށް އެކަންޏެއް ނޫން. އިންޑިއާގައި އުޅޭ ކޮންމެ މުސްލިމަކަށް ވެސް އޭގެ ގެއްލުން ލިބޭނެ،" އާ ގާނޫނަށް އަމާޒުކޮށް އޭނާ ބުންޏެވެ.

އެ ޔުނިވަސިޓީގެ ދަރިވަރުން ގަބޫލުކުރާ ގޮތުގައި ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓްގެ އަމާޒަކީ މުސްލިމުންނެވެ. އެހެންކަމުން އެ ގާނޫނާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށް، އެ ދަރިވަރުން ގަބޫލުކުރެ އެވެ.