ހާޝުގްޖީގެ މަރުގެ މައްސަލާގައި ފަސް މީހަކު މަރަން ހުކުމްކޮށްފި

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލާގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ނޫސްވެރިޔާ ޖަމާލް ހާޝިގުޖީ މަރާލުމުގެ ކުށުގައި ސައުދީގެ ފަސް މީހަކަށް މަރުގެ ހުކުމް އިއްވައިފި ކަމަށް، އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން މިއަދު ބުނެފި އެވެ.


ސަައުދީ ސަރުކާރަށް ފާޑުކިޔުމުގައި އެންމެ އިސް އެއް ލިޔުންތެރިޔާ، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ކޮންސިއުލާގައި މަރާލީ، ސައުދީގެ ސިއްރު ފުލުހުންގެ އެޖެންޓުންގެ ބައެކެވެ.

ޕްރޮސެކިއުޓަ އޮފީހުން ބުނީ އެ ގަތުލާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާ އުފުލި ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ހާމައެއް ނުކުރެ އެވެ.

ތުރުކީގެ ލޯބިވެރިޔާއާ ކައިވެނިކުރުމުގެ ގޮތުން އޭނާގެ ކުރީގެ ކައިވެނި ރޫޅާލިކަމުގެ ރަސްމީ ލިއުންތައް ބަލާ، ކޮންސިއުލާއަށް ވަން ގޮތަށް ހާޝިގުޖީގެ ހަބަރެއް ނުވެ އެވެ. ކޮންސިއުލާގެ ތެރޭގައި އޭނާ މަރާލައިފައި ވިޔަސް، މިހާތަނަށް ހަށިގަނޑުގެ އެއްވެސް ބައެއް ފެނިފައެއް ނުވެ އެވެ.

މިއީ ސައުދީގެ ބާރުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް އެ ގައުމުގެ ސިއްރު ފުލުހުން ހިންގި އަމަލެއް ކަމަށް، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގަބޫލުކުރެ އެވެ. އަދި އދ. އިން ވަނީ މުހައްމަދު ވެސް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ގޮވާލައިފަ އެވެ.

އެކަމަކު މުހައްމަދު ތަކުރާރުކޮށް ގެންދަވަނީ އެ ލޭއޮހޮރުވުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވަމުންނެވެ.

ހާޝިގުޖީ ދިރިއުޅެމުން އައީ އެމެރިކާ އާއި ތުރުކީގަ އެވެ. އޭނާއަކީ އެމެރިކާގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށް ވާ ވޮޝިންޓަން ޕޯސްޓަށް ލިއަމުން އައި ލިއުންތެރިއެކެވެ. އޭނާގެ ލިއުންތައް ބޮޑަށް އަމާޒުކުރީ ސައުދީގެ ސަރުކާރުގެ ސިޔާސަތުތަކަށާއި މެދު އިރުމަތީގެ މައްސަލަތަކަށެވެ.

ޕްރިންސް މުހައްމަދަށް ބާރުތައް ލިބިވަޑައިގަތުމުގެ ކުރިން ހާޝިގުޖީ އަކީ ސައުދީ ޝާހީ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮތް ނޫސްވެރިއެކެވެ.

ދުނިޔޭގައި ޑިޕްލޮމެޓިކް ހައިސިއްޔަތު ލިބިފައި ހުންނަ އިމާރާތްތަކުގައި މި ގޮތަށް މީހުން މަރާހަދާފައެއް ނުވެ އެވެ. އެހެންކަމުން ސައުދީގެ އެޖެންޓުން ހިންގި މި ނުބައި އަމަލުން އެތައް ބަޔަކަށް ލިބުނު ބިރުވެރިކަމާ އެއްވަރަށް އެ ގައުމުގެ ނަން ވެސް ޚަރާބުވި އެވެ.

ސައުދީން ބުނަނީ އޭނާ މަރުވީ ޖެހި އިންޖެކްޝަންތަކެއްގެ ސަބަބުން ކަމަށް

ލޯބިވެރިޔާ ބޭރުގައި ބަހައްޓާފައި ހާޝިގުޖީ، ސައުދީ ކޮންސިއުލާއަށް ވަނީ އޮކްޓޯބަރު 2، 2018 ގަ އެވެ.

ތުރުކީގެ ޖާސޫސީ އިދާރާ އިން ވަނީ ކޮންސިއުލާ ތެރޭގައި ކަން ހިނގި ގޮތުގެ އަޑުތަކެއް ރެކޯޑްކޮށްފަ އެވެ. އެ އަޑުތަކުން އެނގެނީ، ވަރަށް އަނިޔާވެރިކޮށް ނޫސްވެރިޔާ މަރާލާފައިވާ ކަމެވެ.

ސައުދީގެ ރަސްމީ ފަރާތްތަކުން އޭރު ބުނި ގޮތުގައި އޭނާ މަރާލަން އަމުރުކުރީ، "ސައުދީ އަށް އެނބުރި އަންނަން ވިސްނައިދޭށާއި"، އެ މަސައްކަތް ނާކާމިޔާބުވެއްޖެ ނަމަ "ގަދަކަމުން ވެސް ގެންނަން" ތުރުކީއަށް ފޮނުވި ސިއްރު ފުލުހުންގެ ޓީމުގެ ވެރިޔަކަށް ހުރި މީހާ އެވެ. އެކަމަކު އެ ޓީމު ސައުދީއަށް ދިޔައީ، ސައުދީގެ ސިއްރު ފުލުހުންގެ ވެރިޔާގެ އަމުރަށެވެ.

ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަ ޝަލާން ޝަލާން ވިދާޅުވެފައިވާ ގޮތުގައި ހާޝިގުޖީ މަރުވީ އޭނާ ގަދަދައްކަން ފެށުމާ އެކު ގަޔަށް ޖެހި ޑްރަގް އިންޖެކްޝަންތަކުގެ ސަބަބުންނެވެ. މަރުވުމާ އެކު ހަށިގަނޑު ކޮށާ ފޮތިކޮށްލި އެވެ. ދެން ހަށިގަނޑު ހަވާލުކުރީ ކޮންސިއުލާގެ ބޭރުގައި ހުރި މީހަކާ ކަމަށް، ސައުދީން ކުރި ތަހުގީގުން އެނގޭ ކަމަށް، ޝަލާން އޭރު ވިދާޅުވި އެވެ.

އެކަމަކު ހަށިގަނޑު ވީ ތަނެއް އަދިވެސް ނޭނގެ އެވެ.

ޝަލާން ވިދާޅުވި ގޮތުގައި އެކަމުގެ އެއްވެސް މައުލޫމާތެއް ޕްރިންސް މުހައްމަދަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.

ހާޝިގުޖީގެ ހަށިގަނޑު ފޮތިކުރަން ބޭނުންކުރީ ސައުދީގެ އިންޓީރިޔާ މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި ފޮރެންސިކް ޑޮކްޓަރެއް ކަމަށްވާ ސޮލާހު މުހައްމަދު ތުބައިޖީ އެވެ. ސައުދީން އޭނާގެ ނަން ހާމަނުކުރިޔަސް،އެ މައްސަލަ ތަހުގީގުކުރަން އދ. ކަނޑައެޅި ތަޖުރިބާކާރު ވަނީ މަރުގެ އަދަބު ކަނޑައަޅަން ޕްރޮސެކިއުޓާ އިން އެދުނު އެންމެންގެ ނަން ހާމަކޮށްފަ އެވެ.

މި މައްސަލާގައި ޕްރިންސް މުހައްމަދުގެ އިސް ވަޒީފާއެއްގައި އުޅުނު ސައުދު އަލް-ގަހުތާނީ ވަޒީފާ އިން ވަކިކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާކުރާނެ އެކަށީގެންވާ ހެއްކެއް ނެތުމުން ދައުވާ ނުއުފުލަ އެވެ.

ހާޝިގުޖީގެ މަރާ ގުޅިގެން ވަޒީފާ އިން ވަކިކޮށް ތަހުގީގު ކުރި އެންމެ އިސް މީހަކީ ސިއްރު ފުލުހުންގެ ދެ ވަނައަށް ހުރި ވެރިޔާ އަހުމަދު އާސިރީ އެވެ. އެކަމަކު އޭނާގެ މައްޗަށް އުފުލި ދައުވާ އިން އޭނާ ވަނީ ސަލާމަތްވެފަ އެވެ.