ވުހާން (ޖެނުއަރީ 22) - ޗައިނާގައި ކޮރޮނާވައިރަސް ފެތުރޭ ވުހާން ސިޓީ އަށް މީހުން ދަތުރުނުކުރަން ޗައިނާގެ ސިއްހީ އޮފިޝަލުން އިލްތިމާސްކޮށްފި އެވެ.
ޗައިނާގައި ފެތުރޭ ވައިރަސް މިހާތަނަށް ވަނީ 440 މީހުންނަށް ޖެހި ނުވަ މީހުން ވަނީ މަރުވެފަ އެވެ.
ގާތްގަނޑަކަށް ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮތް ވުހާންގައި ދިރިއުޅޭ މީހުން ވެސް އެހެން ސިޓީތަކަށް ދަތުރު ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ވުހާންގައި އާއްމު އެއްވުންތައް ނުބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.
ވުހާން ސިޓީން ޑިސެމްބަރު މަހު ފެނުނު ވައިރަސް މިހާރު ވަނީ ޗައިނާގެ އެހެން ސިޓީތަކަށް ވެސް ފެތުރިފަ އެވެ. ވައިރަސް މިހާތަނަށް ވަނީ އެމެރިކާ އާއި ތައިލެންޑް އަދި ސައުތު ކޮރެއާ އިން ވެސް ފެނިފަ އެވެ.
ވައިރަސް ފެތުރެން ފެށި ފަހުން އާއްމުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނޭޝަނަލް ހެލްތު ކޮމިޝަންގެ ވައިސް މިނިސްޓަރު ލި ބިން ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރުމާއި ސަލާމަތްވުމުގައި ޗައިނާ މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. ޗައިނާ އިން ކުރިން ވަނީ ވުހާންގައި ފެތުރޭ ވައިރަސް އިންސާނުންގެ ގައިންގަޔަށް އަރާކަން ޔަގީންކޮށްދީފަ އެވެ.
ކޮރޮނާވައިރަސްގެ އަލާމަތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި ހުން އައުމާއި ކެއްސުން އަދި ނޭވާ ކުރުވުން ހިމެނެ އެވެ.
ޗައިނާގައި ފެތުރެމުންދާ ބަލި ޖެހުނު ގިނަ މީހުންނަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓްތަކުގައި މަސައްކަތްކުރާ އަދި އެ ތަންތަނަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރި މީހުންނެވެ. ކޮރޯނާވައިރަސް ޖެހުން ގުޅިފައިވަނީ ސީފުޑް ނުވަތަ ޖަނަވާރުންގެ ޒަރީއާ އިން އަރާ ޖަރާސީމަކުން ކަމަށް ލަފާކޮށް، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޝައްކުކުރެވޭ އެފަދަ މާރުކޭޓުތައް ޗައިނާގައި ވަނީ ބަންދުުކޮށްފަ އެވެ.