އަންކަރާ (ޖެނުއަރީ 29) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން އޮތީ "ވިހެއުމުގެ ކުރިން މަރުވެފައި" ކަމަށް ތުރުކީން ބުނެފި އެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ ބިންތައް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް އުފެއްދުމަށް ކުރާ އުއްމީދުތައް ނެތިގެން ދިއުން ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންނާއި އެ މީހުންގެ ބިން އެއީ ފައިސާ އަށް ގަނެވޭނެ އެއްޗެއް ނޫން،" ތުރުކީ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓްރަމްޕް އިއުލާން ކުރެއްވި ޕްލޭނުގައިވާ ގޮތުން އިޒްރޭލުގެ ވެރިރަށަކީ ގުދުސް އެވެ. އަދި ގުދުސް ބައި ނުކުރެވޭނެ ކަމަށް އެ ޕްލޭނުގައިވެ އެވެ.
ފަލަސްތީނުގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރާ ތުރުކީން ބުނީ ގުދުސް އަކީ އަންކަރާގެ "ރަތް ރޮނގު" ކަމަށެވެ.
"ފަލަސްތީނުގެ ބިންތައް އިޒްރޭލުން ފޭރުން ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ނުހެދޭނެ. ތުރުކީ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު. ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތުރުކީން މަސައްކަތް ކުރާނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. "ފަލަސްތީނުން ގަބޫލް ނުކުރާ އެއްވެސް އެއްބަސްވުމަކަށް ތުރުކީން ތާއީދެއް ނުކުރާނެ."
ތުރުކީން ބުނީ އިޒްރޭލުގެ އިސްތިއުމާރު ދެމިއޮތްހާ ހިނދު މެދުއިރުމަތީގައި ސުލްހަ ގާއިމް ނުކުރެވޭނެ ކަމަށެވެ.