ނޮވެލް ކޮރޯނާވައިރަހަށް އެންމެ ފަހުން ނަމެއް ދީފި

ޖެނީވާ (ފެބްރުއަރީ 12) - ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހުގެ ރަސްމީ ނަމަކީ ކޮވިޑް-19 ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ) އިން އިއުލާންކޮށްފި އެވެ.


"ޗައިނާގައި މިހާރު ފެތުރޭ ރޯގާ އަށް މިހާރު ވާނީ ނަމެއް ހަމަޖައްސާފައި. އެއީ ކޮވިޑް-19،" ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަކީ ރޯގާ ޖައްސާ ވައިރަހުގެ މުޅި އާއިލާ އަށް ނިސްބަތްވާ ނަމެވެ. ކޮރޯނާވައިރަހުގެ އެކި ވައްތަރުތައް ހުރެ އެވެ. އާ ވައިރަހަށް ނަންދީފައި ވަނީ "ކޮރޯނާ"، "ވައިރަސް" އަދި "ބަލި" ހިމެނޭ ގޮތަށް 2019 ވަނަ އަހަރާ ގުޅުވައިގެންނެވެ. އެ ގޮތުން "ކޮ" ރަމްޒުކޮށްދެނީ "ކޮރޯނާ" އެވެ. "ވި" ރަމްޒުކޮށްދެނީ "ވައިރަސް" އެވެ. އަދި "ޑީ" އަކީ "ޑިޒީޒް" ނުވަތަ ބައްޔެވެ. "19" އަކީ ބަލި ފެތުރެން ފެށި އަހަރެވެ. ވައިރަސް ފެތުރެން ފެށިކަން ފުރަތަމަ އިއުލާން ކުރީ ޑިސެމްބަރު 31، 2019 ގަ އެވެ.

އާ ކޮރޯނާވައިރަހަށް ކުރިން ކިޔަމުން އައީ ނޮވެލް ކޮރޯނާވައިރަސް ނުވަތަ "2019-އެންކޮވް" އެވެ. "އެން" އަކީ ނޮވެލް އަދި "ކޮވް" އަކީ ކޮރޯނާވައިރަސް އެވެ.

އަލަށް ފެންނަ ވައިރަސްތައް އެހެން ވައިރަސްތަކާ ތަފާތު ކުރުމަށް ޚާއްސަ ނަންތައް ދެ އެވެ. ވައިރަހަށް ރަސްމީކޮށް ނަން ދެނީ އިންޓަނޭޝަނަލް ކޮމިޓީ އޮން ޓެކްސޮނޮމީ އޮފް ވައިރަސަސް (އައިސީޓީވީ) އިންނެވެ.

ޑަބްލިއުއެޗްއޯ އިން 2015 ވަނަ އަހަރު ކަނޑައަޅާފައިވާ މިންގަނޑަށް ބަލާއިރު ވައިރަހަށް ނަން ދޭ އިރު ވަކި ސަރަހައްދަކަށް، މީހެއްގެ ނަމަށް، ވަކި ޖަނަވާރަކަށް ނުވަތަ ކާނާއަކަށް އަދި ވަކި ބައެއްގެ އާދައާދަ އާއި ސަގާފަތާއި ވަކި ސިނާއަތަކަށް ނިސްބަތްކޮށް ނަމެއް ނުކިޔެ އެވެ. އާ ވައިރަހަށް ނަން ދީފައި ވަނީ މި މިންގަނޑަށް ބަލައިގެންނެވެ. އެހެން ކަމުން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އަދި "ސްޕެނިޝް ފްލޫ" ފަދަ ނަންތަކެއް ވައިރަހަކަށް ދެން ނުދެވޭނެ އެވެ.

އާ ވައިރަހަށް ރަސްމީ ނަމެއްދީފައި ވަނީ އެ ބަލީގައި މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް ދިޔަ ފަހުންނެވެ.

ގެބްރެޔެސުސް ވަނީ އާ ވައިރަހާ ދެކޮޅަށް ދުނިޔެ އިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވައިފަ އެވެ.

އާ ވައިރަހުގައި މިހާތަނަށް 1،113 މީހުން މަރުވެފައިވާ އިރު ވައިރަސް ވަނީ 44،600 އަށް ވުރެ ގިނަ މީހުންނަށް އަރައިފަ އެވެ.